ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެއްޖެނަމަ، އެހުކުމް ތަންފީޒްކޮށް ނިމުމުން މެނުވީ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޢިނާޔަތްތަކާބެހޭ ޤާނޫނަށް ހުށައެޅި އިޞްލާހު މަޖިލީހުން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި ޢިނާޔަތެއް ނުލިބޭނެއެވެ.
މިޤާނޫނަށް ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށައަޅާ ކޮމިޓީން ފާސްކުރި އިޞްލާހުގައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ ރައްކާތެރިކަމާއި ޢިނާޔަތްތައް އެކުރެއްވި ކުށެއްގެ ޙުކުމް ތަންފީޒުކޮށް ނިމެންދެން މެދުކެޑިގެންދާނެ ކަމަށެވެ. އެހެންކަމުން ޖިނާޢީ ކުށް ސާބިތުވެ އެ ހުކުމް ތަންފީޒްކޮށް ނިމުމުން، އެބޭފުޅަކަށް ރައްކާތެރިކަމާއި އިނާޔަތް ލިބޭނެކަމަށް މަޖިލީހުން މިއަދު ފާސްކުރި އިޞްލާހުގައިވެއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިމިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނިކޮށެވެ.
ޤާނޫނުގައިވާ މިހާރު އޮތް ގޮތުން ރައީސްކަން އެއް ދައުރު ފުރިހަމަކޮށް ޖިނާޢީ ކުށެއް ސާބިތު ނުވާނަމަ މާލީ އިނާޔަތުގެ ގޮތުގައި މަހަކު ފަންސާސް ހާސް ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ދެ ދައުރު ރައީސްކަން ކުރައްވައިފިނަމަ ހަތްދިހަ ފަސްހާސް ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ރައީސްކަންކޮށްފައިވާ މީހަކު ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު ފަންސާސް ހާސް ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި އޮފީސް ހިންގެވުމުގެ ޚަރަދުވެސް އެބޭފުޅަކަށް ދައުލަތުން ފޯރުވައިދޭންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.