ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލަތައް ނުވަތަ "ސުމޯޓޯ" މައްސަލަތައް ނުބެލޭނެގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްއަށް ޤާނޫނުން ލިބިދޭ ބާރުތައް ސުޕްރީމް ކޯޓުން ހިފަހައްޓާފައިވާކަމަށް ވިދާޅުވެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޤަރާރު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. މިރިޕޯޓްގައި ވަނީ ސޫމޯޓޯ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެގޮތް ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހިމަނާފައެވެ.
މި ރިޕޯޓް މަޖިލީހުން ފާސްކުރީ 68 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މަޖިލީހުން މިއަދު ފާސްކުރި ނިންމުމުގައި ވަނީ، ތަޙްޤީޤުކުރާ އިދާރާއަކުން ތަޙްޤީޤެއް ކުރުމެއް ނެތި އަދި ދަޢުވާ އުފުލުމެއްނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަންގަވައިގެން ސުމޯޓޯކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ޙުކުމްތައް ނެރުއްވަމުންދާކަމަށް ބުނެފައެވެ. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުވަތަ އެހެން ކޯޓަކުންވިޔަސް ނުކުރެއްވޭނެ ޤާނޫނުއަސާސީއާ ޚިލާފް ޢަމަލެއްކަމާއި، އެއީ ޤާނޫނުއަސާސީއާ ޚިލާފަށް ސުޕްރިމް ކޯޓުން ނަގާފައިވާ ބާރަކަށްވާތީ، އެ ބާރު އެގޮތަށް ސުޕްރިމް ކޯޓަށް ލިބިގެން ނުވާކަން ސާފުވާގޮތަށް ޤާނޫނުގައި ބަޔާންކުރުމަށްވެސް މިއަދު ފާސްކުރި އިޞްލާޙުގައިވެއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައި މިވަނީ އެޗްއާރުސީއެމްގެ މެންބަރުން ޢަމަލުކުރާނެ ގައިޑްލައިނެއް 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ފާސްކޮށްފައިވާތީއެވެ. އެޗްއާރުސީއެމްއާއި ދެކޮޅަށް ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއް ބަލާފައިވަނީ އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއަށް އެޗްއާރުސީއެމް އިން ފޮނުވި ރިޕޯޓެއްގައި ސުޕްރީމްކޯޓްގެ އިޙްތިޞާސް އޮޅޭގޮތަށް ވާހަކަތަކެއް ހިމަނާފައިވާކަމަށް ތުހުމަތުކޮށެވެ.
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައެޅުއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސުމޯޓޯގެ ބާރު ބޭނުންކޮށްގެން، އެޗްއާރުސީއެމްއަށް ލިބިގެންވާ ޤާނޫނީ ބާރުވެރިކަމާއި އިޚްތިޔާރުތައް ހަނިކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު 11 ނުކުތާގެ މައްޗަށް އެކުލެވޭ ގައިޑްލައިންއަކީ، އެ މިނިވަން މުއައްސަސާގެ މިނިވަންކަމާއި އެ މުއައްސަސާގެ މެންޑޭޓުގެ ތެރެއަށް ވަދެ އެ މިނިވަންކަން ނަގާލާފައިވާ ގައިޑްލައިންއެއް ކަމަށްވާތީކަމަށް ބުނެއެވެ. އަދި އެއީ ޢަމަލުކުރަން ނުޖެހޭ ގައިޑްލައިނެއްގެ ގޮތުގައި ހެދުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްކަމަށްވެސް ޖީހާންގެ ޤަރާރުގައިވެއެވެ.