ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ވަކިން ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ މި ހަފުތާގެ ޕްރޮގްރާމުގައިވެސް ގިނަ ބަޔަކު ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި އެންމެ ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާއިން ހުރި ކަންބޮޑުވުންތަކެވެ.
"ރައްޔިތުންގެ އަޑު"ގެ 4 ވަނަ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރެއްވި ގިނަ ރައްޔިތުން ފާހަގަކޮށްފައިވަނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން، ފިރިމީހާ ނިޔާވުމުގެ ކުރިން ހިޔާ ފްލެޓު ލިބުނު ކަމުގެ ލިޔުން ލިބި، އެހެންނަމަވެސް ފިރިމީހާ ނިޔާވުމުން ފްލެޓު ނުދިން މައްސަލައަކާއި މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއްވިނަމަވެސް އެކި ސަބަބުތަކާހުރެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ޝަރުތުހަމަނުވާ މައްސަލަތައް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
އެ ރައްޔިތުން ފާހަގަކުރި ކަންކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ފަރާތްތަކުން ފާހަގަކުރި ކަންކަން ބައްލަވާނެ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި އެނޫންވެސް މައްސަލަތަކަށް ވަށާޖެހޭ ޖުމްލަ ހައްލުތަކެއް ހޯދައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭން މި މަސައްކަތް ކުރަނީ. ރަނގަޅު ހައްލެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. އެމަސައްކަތް ކުރިއަށް އެބަދޭ. ގޯތިވިޔަސް ފްލެޓް ވިޔަސް ހޯދައިދިނުމުގައި ކުރިއަށް އޮތް 2 އަހަރާ ބައިގެ ތެރޭގައި ގިނަ މަޝްރޫއުތަކާއެކު ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް އުއްމީދު އެބަކުރަން،" ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ ސިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތައްވެސް ރައީސާއި ހިއްސާ ކޮށްފައެވެ. އެގޮތުން، މާލެ ސަރަހައްދުގެ އާބާދީއާ އެއްވަރަށް ސިއްޙީ ޚިދުމަތް ފުޅާ ކުރަންޖެހިފައިވާކަމާއި އާސަންދައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްޙީ ދާއިރާއަކީވެސް ވަރަށް ބޮޑު އިސްކަމެއް އެމަނިކުފާނު ދެއްވާ ދާއިރާއެއް ކަމަށާއި އެ ދާއިރާގައި ޚިދުމަތްކުރާ މުވައްޒަފުން އިތުރުކޮށް، ޖީޕީ ކްލިނިކްތަކާއެކު ސިއްހީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި ސިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އާސަންދައަށް މިހާ ބޮޑު ޚަރަދެއް ކުރަން މިޖެހެނީ ރާއްޖޭގެ އެންމެންނަށް އެއް ފެންވަރެއްގައި އެއްފަހަރާ ހުރިހާ މީހުންނަށް ޚިދުމަތްދެވޭނެ ގޮތް، ކޮލިޓީ ނުވަތަ ކެޕޭސިޓީ ނެތުން. އެހެންވެގެން އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް މިދެނީ ހެލްތު ސެކްޓަރއަށް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ތިފާހަގަކުރެއްވީ ށ. އަތޮޅުގައިވެސް ފުނަދޫ އަދި އުނގޫފާރުވެސް ފާހަގަކުރެއްވި. މިހެން ގޮސް އެކި ރަށްރަށުގައި މުހިންމު ގިނަ ބަލިތަކަށް ބޭސްކުރެވޭ ގޮތް ހަދައިދިނުމާއި މިހެން ގޮސް ބައިވަރު ކަންކަން އެބަކުރެވޭ. މީގެ އެންމެ މުހިންމު ބޭނުމަކީ ބޭރަށް ނުގޮސް ރާއްޖޭން އެ ޚިދުމަތް ހޯދަދިނުން،" ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައީސާ ބައްދަލުކުރި ރައްޔިތުން ފާހަގަކުރި އިތުރު ކަންކަމުގެ ތެރޭގައި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ކާމިޔާބީ އާއި ވަޒީފާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާއި އީ-ސްޕޯޓިންއާ ގުޅުންހުރި ކަންބޮޑުވުންތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ރައްޔިތަކުވެސް ހިއްސާކުރި ކަންކަމުގައި ހައްލުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.