ޚަބަރު

"އަލިފާނުގެ ޙާދިސާގައި ގެއްލުންވި މީހުންނަށް ދޭ އެހީ ގެއްލުމުގެ އަގުގެ %20 އަށްވުރެ ބޮޑުވާނެ"


މިދިޔަ ހުކުރުދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ ގެއްލުމުގެ އަގުގެ ވިހި އިންސައްތައަށްވުރެ ބޮޑުވާނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު ފިކުރީ ވިދާޅުވީ، އެކި ޙާދިސާތަކާ ގުޅިގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޑިޒާސްޓާއިން އެހީތެރިކަން ފޯރުކޮށްދެނީ އެގެއްލުމެއްގެ އަގުގެ ވިހި އިންސައްތައާ ހަމައަށްކަމަށެވެ.

ފެންބޮޑުވުމާއި، އަލިފާނުގެ ހާދިސާއާއި އެނޫންވެސް ހާދިސާތަކާއި ގުޅިގެން 2016ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަނީ އެ އުސޫލުންކަމަށާ، އެ އެހީތެރިކަމަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭ އެހީތެރިކަމެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ހާލުގައިޖެހޭ ފަރާތްތައް އެޙާލަތުން އަރައިގަތުމަށްޓަކައި ދޭ އެހީތެރިކަމެއްކަމަށްވެސް ޢުމަރު ފިކުރީ ވިދާޅުވިއެވެ.

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހުޅުވި ފަންޑަށް ލިބޭ އެހީއާއެކު، އެ އޮތޯރިޓީން ދޭ އެހީގެ ނިސްބަތް ވިހި އިންސައްތައަށްވުރެ މަތިވާނެކަމަށްވެސް ޢުމަރު ފިކުރީ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ވިއްސާރައާއި ގުޅިގެން ފެންބޮޑުވެ ލިބުނު ގެއްލުމުގައިވެސް އެއޮތޯރިޓީން އެހީދިނީ ގެއްލުމުގެ އަގުގެ ވިހި އިންސައްތައާ ހަމައަށްކަމަށާ، ނަމަވެސް ފަންޑަށް ލިބުނު އެހީއާއެކު ގެއްލުން ލިބުނު ފަރާތްތަކަށް ގެއްލުމުގެ އަގުގެ އަށްޑިހަ އިންސައްތައާ ހަމައަށް އެހީ ދިންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާގުޅިގެންވެސް ދޭ އެހީ ކުޑަ ނުވާނެކަމަށް ޢުމަރު ފިކުރީ ވިދާޅުވިއެވެ.

ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށްވެސް ވަނީ ފަންޑެއް ހުޅުވާފައެވެ. މިހާތަނަށް އެ ފަންޑަށް 1.1 މިލިއަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އަލިފާނުގެ ހާދިސާގައި 7 ގެއަކަށާއި، 4 ގުދަނަށް ބޮޑެތި ގެއްލުންތަކެއްވެ ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.

މިހާދިސާގއާއި ގުޅިގެން ހަތް ސަތޭކަ ހަތްދިހަ ހަ މީހަކަށް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން އެހީތެރިކަމަށް ރަޖިސްޓްރީވެފައިވެއެވެ. އަދި ދުއިސައްތަ ފަސްދޮޅަހަށްވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.