މޯލްޑިވްސް އިސްލާމިކް ބެންކު، އެމްއައިބީގެ ފަސް ހާސް ޙިއްޞާ ހދ.ނޭކުރެންދޫ ކައުންސިލް އިދާރާއިން ގަނެފިއެވެ.
ނޭކުރެންދޫ ކައުންސިލުން ބުނީ އިސްލާމިކް ބޭންކުން ޙިއްޞާގަތުމަށް އެ ކައުންސިލުން ނިންމާފައިވަނީ މި އަހަރުގެ 13 ވަނަ އާންމު ބައްދަލުވުމުގައި ކައުންސިލްގެ 3 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ނޭކުރެންދޫ ކައުންސިލުން އިސްލާމިކް ބޭންކް ކުޅުދުއްފުށީ ބުރާންޗް މެދުވެރިކޮށް ފަސް ހިއްސާ ގަނެފައިވާއިރު، އޭގެ އަގަކީ އެއް ލައްކަ ހަތްދިހަ ފަސް ހާސް ރުފިޔާއެވެ. އެއީ ޙިއްޞާއެއް 35 ރުފިޔާގެ ރޭޓުންވެ.
ނޭކުރެންދޫ ކައުންސިލުން ބުނީ އިސްލާމިކް ބޭންކުން ޙިއްޞާ ގަތުމަކީ މުސްތަގުބަލަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި މި ހިއްސާ ގަތުމަށް ޚަރަދުކޮށްފައި ވަނީ ކައުންސިލްގެ ބައިތުލްމާލުން ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ނޭކުރެންދޫ ކައުންސިލުގެ އިތުރުން، އެކިއެކި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ދަނީ އެމްއައިބީގެ ޙިއްސާ ގަންނަމުންނެވެ.
އެމްއައިބީން ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ. ކުރިން އޮތް ގޮތުން ހިއްސާ ވިއްކުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 18 ވަނަ ދުވަހަށް ހަމަވާނެއެވެ. ނަމަވެސް އެމުއްދަތު ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ހިއްސާ ވިއްކަމުންދާއިރު އެކުންފުނީގެ 31 އިންސައްތަ ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފައިއެވެ. އެއީ ގާތްގަނޑަކަށް 6.9 މިލިއަން ރުފިޔާކަމަށް އެމްއައިބީން ބުނެއެވެ. އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އަދި މިއަދަދު 10 ހިއްސާއިން ބޭނުންވާ އަދަދަކަށް އިތުރުކުރެވޭނެކަމަށް ވެސް އެމް.އައި.ބީިން މަޢުލޫމާތުދެއެވެ.