މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕު ފުޓުބޯޅަ މުބާރާތުގައި އޭދަފުށިން ބައިވެރިވާން ނިންމައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު 1ގައި ފަށާ މި މުބާރާތުގައި ބައިވެރިވާ ކުލަބު އޭދަފުށިން ބުނީ އޭދަފުށި ތަމްސީލް ކުރާ ޓީމެއް ބައިވެރިކުރުމުގެ މަގްސަދަކީ އޭދަފުއްޓަށް ފުޓްބޯޅައިގައި ލިބިފައިވާ ނަން ދެމެހެއްޓުންކަމަށެވެ. އަދި ރަށުގެ ފުޓްބޯޅަ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިން މިފަދަ މުބާރާތްތަކަށް ނެރެ ތަޖުރިބާ ހޯދައިދިނުންކަމަށްވެސް އެ ކުލަބުން ބުނެއެވެ.
މިނިވަން ޗެމްޕިއަންޝިޕުގެ ނަމުގައި މި މުބާރާތް ފަށާފައިވަނީ 2015ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ އުފަލުގައެވެ. މިއީ މި މުބާރާތް ބާއްވާ 5ވަނަ އަހަރެވެ. ފުރަތަމަ އަހަރު އޭދަފުށިވަނީ ސެމީ ފައިނަލަށް ދަތުރުކޮށް، ފަރެސްމާތޮޑާ އަތުން 3-1ން ބަލިވެ މުބާރާތުން ކަޓައިފައެވެ. ޖެހިގެން އައި އަހަރު މުބާރާތުގެ ޗެންޕިއަންކަންނެގީ ތިމަރަފުއްޓާ ވާދަކޮށް 1-0ން މޮޅުވެގެންނެވެ.
އަދި 2017ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ ފައިނަލް ރައުންޑުން އޭދަފުށި ކެޓީ މިލަންދޫއާ ކުޅެ ބަލިވެގެންނެވެ. މިދިޔަ އަހަރު މުބާރާތުން ކެޓީ އަތޮޅު މުބާރާތުގައި ބ.އަތޮޅުގެ އެންމެ އާބާދީ ކުޑަ ފެހެންދޫއާ ކުޅެ ބަލިވެގެންނެވެ.
މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ ތިމަރަފުށްޓެވެ.