ކުރެވުނު ފަރިތަކުރުންތަކާއި ތައްޔާރީތަކަށް ބަލާއިރު މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރާއްޖެއަށް ރަން މެޑަލް ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމަށް ޤައުމީ ވޮލީބޯޅަ ޓީމްގެ ކުރީގެ ސެޓަރ މުޙައްމަދު ރަނޭޝް ބުނެފިއެވެ.
މިއަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ޤައުމީ ޓީމް ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ސާބިޔާގައި 10 ދުވަހުގެ ތަމްރީން ދަތުރަކަށްފަހު، ގައުމީ ޓީމް ވާދަކޮށްފައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. އެއަށްފަހު އަވައްޓެރި ސްރީލަންކާއި އެކު މާލޭގައިވަނީ ވާދަވެރި ތިން މެޗް ކުޅެފައެވެ.
ޤައުމީ ޓީމްގެ ކުރީގެ ސެޓަރ މުޙައްމަދު ރަނޭޝް ބުނީ އަބަދުވެސް ސެންޓްރަލް ޒޯން ވޮލީ މުބާރާތަކީ ރާއްޖެއަށް ވާދަކުރެވޭ ވަރުގެ މުބާރާތެއްކަމަށާއި ރާއްޖެއިން މިމުބާރާތުގައި ވާދަކުރަނީ ރަން މެޑަލް ހޯދަންކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާއި އަޅާބަލާއިރު، މިއަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ޤައުމީ ޓީމް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި ފަހުގެ ތާރީޚުގައި މިއީ ޤައުމީ ޓީމް އެންމެ ރަގަނޅަށް ތައްޔާރުވި މުބާރާތްކަން ފާހަގަކޮށްލެވޭކަމަށެވެ. އަދި އަމިއްލަ ގައުމްގައި ސްރީލަންކާއާއި ދެކޮޅަށް ރާއްޖޭގެ ޓީމުން ކުޅުނު މެޗުތަކުން މިހާރު އިތުރު ހިތްވަރެއް ލިބިފައިވާކަމަށްވެސް ރަނޭޝް ބުނެފިއެވެ.
"އަމިއްލަ ގައުމްގައި ދިވެހިންގެ ކުރިމަތީގައި ގައުމީ ވޮލީ ޓީމް ދައްކާފައިވަނީ ވަރަށް މޮޅު ކުޅުމެއް. ސެންޓްރަލް ޒޯން އަށް މިފަހަރު ޓީމްވަނީ ވަރަށް ރަގަނޅަށް ތައްޔާރުވެފަ. މިހާރު ޓީމްއަށް ބޭނުންވަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރުން. މިހާރު ޓީމް އޮތީ ވަރަށް ފޯމްގަ. މިފަހަރު ރަން މެޑަލް ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑު." ރަނޭޝް ބުންޏެވެ.