ޚަބަރު

އިންސާނިއްޔަތަށްޓަކައި ދަރުމަވެރިންކުރާ މަސައްކަތަށް ރައީސްގެ ތަޢުރީފް


މުޖުތަމަޢުއަށް ދިމާވާ އެކި ކަންކަމުގައި އިންސާނިއްޔަތަށްޓަކައި ހެޔޮހިތުން ދަރުމަވެރިންކުރާ މަސައްކަތް ބަލައިގަންނަކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މޯލްޑިވިއަން ރެޑްކްރެސެންޓްގެ ދިހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަޙުނިޔާ ދަންނަވައިފިއެވެ.

ދަރުމައަށް މަސައްކަތްކުރާ ޖަމާޢަތެއްކަމަށްވާ މޯލްޑިވިއަން ރެޑްކްރެސެންޓްގެ ދިހަ ވަނަ އަހަރީދުވަހާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުޅި ރާއްޖެއާއި މުޖުތަމައަށް ބޭނުންޖެހިފައިވާ ކަންކަމުގައި ދަރުމައަށް އަމިއްލައަށް އިސްނަގައިގެން މޯލްޑިވިއަން ރެޑްކްރެސެންޓުން ކުރާ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއްކަމަށެވެ.

"ހެޔޮހިތުން" ހޭޝްޓެގް ބޭނުންކުރައްވާ ރައީސް ކުރެއްވި ޓްވީޓްގައި ވަނީ ހުރިހާ ދަރުމަވެރިންގެ މަސައްކަތްތަކަށް ތަޢުރީފްކުރައްވާ އިންސާނިއްޔަތަށްޓަކައި ހެޔޮހިތުން ދަރުމަވެރިން ކުރައްވާ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.

މުޖުތަޢުއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިވުމަށް މޯލްޑިވިއަން ރެޑްކްރެސެންޓް އުފައްދާފައިވަނީ 2009 ވަނަ އަހަރުގައެވެ. ފާއިތުވި ދިހަ އަހަރުދުވަހުގެ ތެރޭގައި އެޖަމާޢަތުންވަނީ އަމިއްލައަށް އިސްނަގައިގެން މުޅި މުޖުތަޢުގެ ފައިދާއަށް ގިނަ މަސައްކަތްތަކެއްކޮށްދީފައެވެ. މޯލްޑިވިއަން ރެޑްކްރެސެންޓްގެ ދިހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޖަމްއިއްޔާގެ ރައީސް ޢަލީ ނާޝިދު ވިދާޅުވީ، އެ ޖަމިއްޔާގެ އެންމެ ބޮޑު ކާމިޔާބީއަކީ އެ ޖަމިއްޔާގެ މިންނެތް ދަރުމަވެރިންނާއި އެ ޖަމާއަތަށް އެހީތެރިވެދޭ ފަރާތްތައްކަމަށެވެ.

މޯލްޑިވިއަން ރެޑްކްރެސެންޓުން އަންނަނީ ރާއްޖެއަށް ދިމާވާ ކުއްލި ހާލަތްތަކާއި އެމެޖެންސީ އެކިކަންކަމުގައި އަމިއްލައަށް އިސްނަގައިގެން ފަރުދުންނަށާއި މުޅި މުޖުތަމަޢުއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޤައުމީ ފެންވަރުގައި ކުރާ އެކި ކަންކަމުގައިވެސް އެ ޖަމާޢަތުން ބައިވެރިވަމުން ގެންދެއެވެ. މޯލްޑިވިއަން ރެޑްކްރެސެންޓްގެ މެންބަރުންގެ ގޮތުގައި ފަސްސަތޭކައަށްވުރެ ގިނަ ދަރުމަވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންގެންދެއެވެ.