ކުޅިވަރު

އަނަންތަރަ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސޮނެވާ އަށް


އަނަންތަރަ ކިހަވަށް ސްޓްރައިކަސް ބަލިކޮށް ލެވިސްޓަރ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސޮނެވާފުށިން ހޯދައިފިއެވެ.

ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް ސޮނެވާފުށިން ކާމިޔާބުކުރީ 2-1 އިން ނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއްފެނިގެންދިޔަ މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އަނަންތަރަ ކިހަވަށް ސްޓްރައިކަސް އިންނެވެ. މިލަނޑު މެޗްގެ 18 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހުމައިދުއެވެ.

މި ލަނޑަށްފަހު ސޮނެވާފުށި ޓީމުން ކުޅުން ރަނގަޅުކޮށް 29 ވަނަ މިނެޓްގައި ނަތީޖާހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު (މަޖިއްޓޭ)އެވެ.

ފުރަތަމަ ހާފް މިނަތީޖާގައި ނިމިގެން ގޮސް ދެވަނަ ހާފްގައި ސޮނެވާފުށިން ކުޅުން ރަނގަޅުކޮށް ފުރަތަމަ ފަހަރަށް މެޗްގެ ލީޑް ނެގިއެވެ. މިލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސޮނެވާ ޓީމްގެ އާދަމް ނިޒާމްއެވެ.

ބ.އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މިމުބާރާތުގައި ޖުމްލަ 6 ޓީމް ވަނީ ބައިވެރިވެފައެވެ. ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ސެމީ ފައިނަލްގެޖާގަ އަނަންތަރަ އަށް އަދި ނުގެއްލެއެވެ.

މާދަމާ ހަވީރުކުޅޭ ގްރޫޕްގެ ދެވަނައަށް ދިޔަ ޓީމްތަކުގެ މެދުގައި ކުޅޭމެޗުން މޮޅުވާ ބަޔަކު ބައްދަލު ކުރަންޖެހޭނީ އަނަންތަރާއާއެވެ. މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭއިން ދެވަނަ ހޯދި އަމިއްލަ ފުއްޓާއެވެ، ގްރޫޕް ބީއިން ދެވަ ހޯދި ޓީމް ރޯޔަލްގެ މެޗެވެ.