ބަލްގޭރިއާގެ އެއާލައިނެއް ކަމަށްވާ ގަލިވް އެއާއިން ރާއްޖެއަށް ނޮވެންބަރު މަހު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ. މި ދަތުރުތައް ކުރާނީ ހަފުތާ ބަނދުގެ ތެރޭގައި ކަމަށް ގަލިވް އެއާ އިން ބުނެއެވެ.
ގަލިވް އެއާ އަކީ ބަލްގޭރިއާއި ވެރިރަށް ސޯފިއާގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެއަރލައިނެވެ. ގަލިވް އެއަރއިން ރާއްޖެއާއި ބަލްގޭރިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ޝެޑިއުލްކޮށް ކުރިއަށް ގެންދާ ދަތުރުތައް އަންނަ އަހަރުގެ މާރިޗު މަހުގެ 26 އާއި ހަމައަށް ކުރިއަށް ގެންދާނެއެވެ. ގަލިވް އެއާ އިން ބުނީ މިދަތުރުތަކަކީ ވިލާތުގެ ފިނިމޫސުމާއި ދިމާކޮށް ކުރާ ދަތުރުތައް ކަމަށެވެ. އަދި މިއީ ރާއްޖެއާއި ބަލްގޭރިއާ ދެމެދު ޝެޑިލް ދަތުރުތަކެއް ކުރާ ފުރަތަމަ ފަހަރެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދާއި ދިމާކޮށެވެ. މިގޮތުން މާލެއާއި ބަލްގޭރިއާގެ ވެރިރަށް ސޯފިއާ ދެމެދު ކޮންމެ ހުކުރު ދުވަހެއްގައި ދަތުރެއް ބާއްވާނެއެވެ. އަދި ސޯފިއާއިން މާލެއަށް ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަވެ. މި ދަތުރުތައް ހަމަޖައްސާފައިވަނީ ރަސްމީ ދަތުރުތަކާއި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށް ގަލިވް އެއާއިން ބުނެއެވެ.
ގަލިވް އެއާ ގެ ދަތުރުތަކުގައި ބޭނުން ކުރާނީ ވައިޑް ބޮޑީ ބޯޓެއް ކަމަށްވާ، އެއަރބަސް އޭ-330-200 މަރުކާގެ ބޯޓެކެވެ. އަދި މި ދަތުރުގައި ކޮންމެ ފަސިންޖަރަކަށްވެސް 2 ކެއުމާއި ބުއިންތައް ލިބޭނެ ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.
ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އެއަރލައިންތަކުން ދަނީ އިތުރުކުރަމުންނެވެ. އަދި އައު އެއަރލައިންތަކުގެ ދަތުރުތައްވެސް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ޤަތަރު އެއަރވޭއިސް އިން ހަފްތާއަކު މިހާރު ކުރަމުންދާ ދަތުރުތަކުގެ އަދަދު 12 އިން 21 އަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ބެލަރޫސްގެ ބެލާވިއާ އެއަރގެ ދަތުރުތައް ޑިސެންބަރު މަހު ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި އެކު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އަމާޒު ހަސިލްވާނެ ކަމަށް ލަފާކޮށްފައެވެ. މިއަހަރު ރާއްޖެއިން ވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއަށް 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.