ކުޅިވަރު

ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ ސެކެރެޓަރީ ޖެނެރަލަކަށް މޫސަ


ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ (ބީއޭސީ)ގެ ސެކެރެޓަރީ ޖެނެރަލަކަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުކޮށްފިއެވެ. ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންއަކީ އޭޝިޔާގެ ބެޑްމިންޓަންގެ މައި އިދާރާއެވެ.

(ބީއޭސީ)ގެ ސެކެރެޓަރީ ޖެނެރަލަކަށް މޫސަ އިންތިހާބްކޮށްފައިވަނީ މިއަދު ހެދުނު ޗައިނާގައި ކުރިއަށްދިޔަ ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. މޫސަ މި މަޤާމަށް އިންތިހާބުވެފައިވަނީ ހޮންކޮންގެ ޓޮން ވައި ލިންއާއި ވާދަކޮށެވެ.

މި އިންތިހާބުގައި އޭޝިޔާގެ 40 ގައުމަކުން ވޯޓްލާފައިވެއެވެ. މޫސަ މި މަޤާމަށް އިންތިހާބުވީ 27 ވޯޓާއި އެކުއެވެ. މޫސައާއި ވާދަކުރި ހޮންކޮންގެ ޓޮން ވައި ލިންއަށް ލިބުނީ 13 ވޯޓެވެ. ބީއޭސީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް 4 ފަރާތަކުން ނަން
ހުށައެޅިނަމަވެސް އިންތިހާބުގެ ކުރިން ދެ ނަމެއް ވަނީ ނަގާފައެވެ.

މިއީ ރާއްޖޭގެ މެންބަރަކު ބީއޭސީގެ އިސްމަޤާމަކަށް އިންތިހާބުވި ފުރަތަމަ ފަހަރުއެވެ. މޫސަ މި މަޤާމުގެ ދައުރަކީ 4 އަހަރު ދުވަހެވެ. ބީއޭސީގެ ރައީސަކަށް އިންތިހާބުވީ އިންޑޮނޭޝިޔާގެ އެންޑޮން ސުބޮވޯއެވެ. ހަޒާންދާރަކަށް ހޮވިފައިވަނީ ލެބަނަންގެ ޖަސީމް ކަންސޯއެވެ.


ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު އަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ޑިވޮލޮޕްމަންޓް ކޮމެޓީގެ މެންބަރެއް ވެސްމެއެވެ. ބީއޭސީގެ އެސްޖީއަށް އިންތިހާބު ކާމިޔާބުކުރި އިރު މޫސަ އަކީ އެޖަމިއްޔާގެ ޓެކްނިކަލް ކޮމިޓީގެ ޗެއާމަނެވެ. ބީއޭސީގެ އެސްޖީގެ މަޤާމާއެކު މޫސަ ދެން މަސައްކަތްކުރަން ޖެހޭނީ ބެޑްމިންޓަން އޭޝިޔާގެ މައި އިދާރާ ހުންނަ މެލޭޝިޔާގައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އިފްޝާން މުހައްމަދު ބުނީ މިއީ ބެޑްމިންޓަން އެސޯސިއޭޝަނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި މި ނަތީޖާއިން ބެޑްމިންޓަންގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް އޭޝިޔާގެ ގައުމުތަކުން ބަލައި ގަންނަ މިންވަރު އެގިގެން ހިގައްޖެކަމަށެވެ. އިފްޝާން ބުނީ މޫސަ ބީއޭސީގެ އެސްޖީކަމަށް އިންތިހާބުވުމުން ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް ލިބިގެންދިޔަ ފުރުސަތަކަށް ވެގެންދާނެކަމަށާއި ހާއްސަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރާކަމަށެވެ.

ބެޑްމިންޓަން އޭޝިޔާގެ ސެކެޓްރީ ޖެނެރަލްގެ ރޯލަކީ މި ސަރަހައްދުގައި ބާއްވާ ހުރިހާ ބެޑްމިންޓަން މުބާރާތައް ރާވާ ހިންގުމުމެވެ. އަދި ބީއޭސީން މި ސަރަައްދުގައި ހިންގާ ކޯސްތަކާއި އެހެނިހެން ތަމުރީނު ޕްރޮގްރާމުތައްވެސް ކުރިޔަށްދާނީ މޫސާ ނާޝިދުގެ ބެލުމުގެ ދަށުންނެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލް މެންބަރު އަދި ޑިވޮލޮޕްމަންޓް ކޮމެޓީ މެންބަރު މޫސަ ހޮވުނު ފަހުން މިދިޔަ 5 ފަސްވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ބެޑްމިންޓަން ޓީމުތަކުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. 2010 ވަނަ އަހަރުން ފެށިގެން ބެޑްމިންޓަންގެ އެންމެ މަޝްހޫރު އެއް ބްރޭޑް ކަމުގައިވާ ލިނިންގްއިން ދަނީ ރާއްޖޭގެ ބެޑްމިންޓަން ޓީމު ސްޕޮންސާރ ކުރަމުންނެވެ.