ކުޅިވަރު

ނިއުގެ ދިފާއުގައި އިމްރާން މަސައްކަތް ފަށައިފި


މުސާރަ ނުލިބިގެން ނިއުރޭޑިއަންޓާއި ދެކޮޅަށް އެފްއޭއެމަށް މައްސަލަ ހުށައެޅުމަށްފަހު، އިމްރާން މުހައްމަދު ނިއުގެ ސަސްޕެންޝަން އުވާލުމަށް ސަޕޯޓަރުންނާއިއެކު މަސައްކަތް ފަށައިފިއެވެ.

ސީނިއަރ ބައެއް ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުން އެފްއޭއެމްގެ އެކްސްކޯއިންވަނީ ނިއުރޭޑިއަންޓް ފުޓްބޯޅައިގެ އެކި އެކި ކަންކަމުން ސަސްޕެންޑްކޮށްފައެވެ. އަދި އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައިވަނީ ސަސްޕެންޝަން ދަމަހެއްޓުމަށް ކުލަބްތަކުގެ ވޯޓްއާއެކު ނިންމާފައިއެވެ.

ނިއުރޭޑިއަންޓަށް މުބާރާތެއްގައި ވާދަކުރެވޭނީ އިތުރު ކޮންގްރެސްއެއް ބާއްވާ އެސަސްޕެންޝަން އުވާލުމުންނެވެ. އިމްރާނަށް ނިއު އިން ދޭން ޖެހޭ މުސާރަ ނުލިބިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެފްއޭއެމަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ނިއު އިން ވަނީ އިމްރާންގެ އެއްބަސްވުން ބާތިލްކޮށްފައެވެ. އަދި އެފްއޭއެމުން ކުޅުންތެރިންނަށް މުސާރަ ނުދީކަމަށް ބުނެ ނިއު ސަސްޕެންޑް ކުރި ކުރުމަށް އިމްރާންވަނީ ފަހުން ސުވާލުވެސް އުފައްދާފައެވެ. އެއީ މުސާރަ ނުލިބިގެން އެފްއޭއެމަށް ދިޔަ އެއްވެސް ކުޅުންތެރިއަކަށް މިހާތަނަށް މުސާރަ ލިބިފައި ނުވާތީއެވެ.

އިމްރާމް މުހައްމަދު ބުނީ މިއަހަރު ފުޓްބޯޅަ ސީޒަންގައި ވާދަކުރުމަށް ނިއުގެ ސަޕޯޓަރުން އިސްވެ ކުރަމުންދާ މަސައްކަތުގައި އިމްރާންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް ފުޓްބޯޅައަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން އެކުގައި މަސައްކަތް ކުރުމަށްވެސް އިމްރާންވަނީ ގޮވާލާފައެވެ.

އިމްރާން ބުނީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއު ފެނިގެން ދިއުމަކީ އޭނާގެ އުއްމީދުކަމަށެވެ. ދާދި ފަހުން ނިއުރޭޑިއަންޓްގެ ޗެއަރމަން މުހައްމަދު ޒިޔާދުވަނީ އިސްތިޢުފާ ދީފައެވެ.

އަދި މިހާރުވަނީ ކްލަބުގެ އެކްޓިން ޗެއާމަނަކަށް ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީ ހަމަޖައްސައި ބޯޑް މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި މަސައްކަތް ފަށާފައެވެ. އަދި މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެކުލަވާލާ ޓީމަށް ކޯޗުކޮށްދިނުމަށް ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމާއި ނިއުއިން އަންނަނީ ވާހަކަދައްކަމުންނެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލުމާތު ލިބިފައިވާ ގޮތުގައި މުސާރަ ނުލިބިގެން އެފްއޭއެމަށް މައްސަލަ ހުށައެޅި ގިނަ ކުޅުންތެރިން މިހާރުވަނީ އެ މައްސަލަ އަބުރާ ނެގުމަށް ނިންމާފައެވެ. އަދި މަހުން މަހަށް ބަހާލައިގެން ކުޅުންތެރިންނަށް ނުލިބިފައިވާ މުސާރަ ދޭން ކުލަބުންވެސް ކުޅުންތެރިންނާއި މިހާރުދަނީ ވާހަކަދައްކަމުންނެވެ.