ސިޔާސީ

ސިޔާސީ ފިކުރަށް ބަލާ ވަޒީފާއިން ވަކި ނުކުރާނެ - ސަރުކާރު


ވަޒީފާގެ ބިރުދައްކާ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުން ދޮގުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ ސިޔާސީ އެއްވެސް ބޭނުމަކަށް އެއްވެސް މުވައްޒަފަކު ވަކިކޮށްފައިނުވާނެކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި، ރޯދަމަހު އެކަނިވެސް އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭކަމަށްވެސް ޕީއެންސީން ވަނީ ތުހުމަތުކޮށްފައެވެ.

އެވާހަކަތައް ދޮގުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން ހޫދު ވިދާޅުވީ ކުންފުނިތަކުގެ އޮނިގަނޑަށް ގެންނަ ބަދަލަކުން މުވައްޒަފުން ވެކިވެދާނެކަމަށާއި، ނަމަވެސް ސިޔާސީ އެއްވެސް ސަބަބަކާހުރެ މި ސަރުކާރުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެކަމަށެވެ. ހޫދު ވިދާޅުވީ މުވައްޒަފުން ވަކިކުރުމަށްވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ ގުޅިގެން ބަޔަކު ވަކިކުރިނަމަވެސް އެކަމުގައި ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެކަމަށް ހޫދު ވިދާޅުވިއެވެ.

"ކުންފުނިތަކުގެ ނީޑަށް ބަލާފަ އެ ބޭފުޅުން ގެންނަ ބަދަލަކަށްވެދޭނަ. ކުންފުނީގެ ހިންގުމަށް އެޗްއާރު ނީޑަށް ބަލާފަ. ސިޔާސީ ގޮތުން ވަކިކުރާކަށް އަންގާފައެއްނުވާނެ." ހޫދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުފޫޒުފޯރުވުމާއި މަޖުބޫރުން ޕީޕީއެމްގެ ޖަލްސާތަކަށް ގެންދިޔުމުގެ ޝަކުވާތައް އޮތީ ބޮޑުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ ސިޔާސީ ފިކުރަށް ބެލުމަށްފަހު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމުގެ ވަޢުދާއެކުއެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މި ސަރުކާރުން ނުފޫޒް ނުފޯރުވާނެކަމަށްވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.