ޚަބަރު

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތީ ޒަމާންވީ ވަރަށް ގާތްގުޅުމެއް: ރައީސް


  • ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި

  • މެލޭޝިއާ މިނިވަންވީ 31 އޮގަސްޓް 1957 ގައި

ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައިވަނީ އެޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި މެލޭޝިއާގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުން ޤަބޫލުކުރާ އެއްގޮތް ކަންތައްތަކާއި އިޙްތިރާމުގެ މައްޗަށްކަމަށެވެ. އަދި ދެޤައުމުގެ ޒަމާންވީ ގުޅުމާއެކު ދެޤައުމުގައި އެންމެ މަތީ ފަންތީގައި ކުރެވޭ މަސައްކަތްތަކުގައާއި ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތީ ވަރަށް ގާތްގުޅުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވަކިވަކިން ސިޓީފުޅު ފޮނުއްވާފައެވެ.

ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމާއި އަދަބުއިޙްތިރާމާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އަދި ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެޤައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ދެޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، އިޤްތިޞާދީ ކުރިއެރުމަށާއި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެޤައުމުގެ އިޤްތިޞާދީ ގުޅުންތައް ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ފާޅުކުރެއްވިއެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ވެރިންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްޙަމަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން މެލޭޝިއާ މިނިވަންވީ 1957 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 1968 ވަނަ އަހަރުއެވެ. މެލޭޝިއާއަކީ ގިނަ ޢަދަދެއްގެ ދިވެހިން މަތީ ތަޢުލީމު ޙާސިލުކުރުމަށާއި، ޗުއްޓީ ދަތުރުތަކުގައި ގޮސްއުޅޭ ޤައުމެކެވެ.