ތިލަދުންމަތީ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ތަފާތު ބޭނުންތަކަށް ކޮންމެ ހޮނިހިރު ދުވަހަކުވެސް ކުޅުދުއްފުއްޓަށް ޒިޔާރަތްކުރެއެވެ.
ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހޮނިހިރުދުވަހު ކުޅުދުއްފުއްޓަށް ޒިޔާރަތްކުރަނީ ބަންޑާރަމަގުގައި އޮންނަ، މަޝްހޫރު ހޮނިހިރު ބާޒާރަށެވެ. ހޮނިހިރު ބާޒާރު ވެފައިވަނީ، ގަނެވިއްކުމުގެ ބާޒާރެއްގެ އިތުރުން އުތުރުގެ ތިން އަތޮޅުގެ މީހުންނާއި ކުޅުދުއްފުށީ މީހުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށްލާ ތަނެއްގެ ގޮތުގައެވެ. މިގޮތުން މިދިޔަ ހޮނިހިރުދުވަހަކީވެސް އޭގެ ދުވަހެކެވެ.
މިދިޔަ ހޮނިހިރު ބާޒާރުގެ އަގުތަކަށް ބަލާއިރު، ދިވެހި އުފެއްދުންތަކުގެ އަގުތައް އުފުލިފައިވާކަން ފާހަގަކޮށްލެވެއެވެ. ހޮނިހިރު ބާޒާރުގައި މިފަހަރު އެންމެބޮޑަށް އަގުތައް އުފުލުނު އެއްޗެހީގެ ތެރޭގައި ދިވެހި ގިތެޔޮމިރުސް އަދި ކުރުނބާ ހިމެނެއެވެ.
ގިތެޔޮމިރުން 100 ގްރާމް 75 ރުފިޔާ އަށް ހުރި އިރު ވަކިން މިރުހެއް ލިބެނީ 10 ރުފިޔާއަށެވެ. ކުރުނބާގެ އަގުތައް ހުރީ، 12 ރުފިޔާ އާއި 40 ރުފިޔާ އާއިދެމެދުގެ އަގުތަކެއްގައެވެ. ރޯދަމަހު ގިނަބަޔަކު ގަންނަ ކަރާކިލޯއެއްގެ އަގު ހުރީ 25 ރުފިޔާ އަދި 30 ރުފިޔާ އަށެވެ.
ހޮނިހިރު ބާޒާރުގައި ވިއްކަންހުރި އިތުރު ބާވަތްތަކަށް ބަލާއިރު، ކިއުކަންބާ އަދި ބަރަބޯ ކިލޯއެއް ހުރީ 30 ރުފިޔާ އާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ބާޓާނާ ބަރަބޯ ކިލޯއެއްގެ އަގު ހުރީ 30 ރުފިޔާގައެވެ.
ފަތްޕިލާވެލީގެ އަގުތަކަށް ބަލާލާއިރު ތިން ފަތުގެ ކޮޕީފަތް ބޮނޑިއެއް ހުރީ 10 ރުފިޔާއަށެވެ. ކުށްޅަފިލާފަތް ބޮނޑިއެއް ވިއްކާފައިވަނީ 10 ރުފިޔާ އާއި 15 އަށެވެ. ލެޓިއުސް ބޮނޑިއެއް ވިއްކާފައިވަނީ 30 ރުފިޔާއަށެވެ.
ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރަކީ ގިނަބަޔަކު ތަކެތި ވިއްކާ އަދި އެހާގިނަމީހުން ވިޔަފާރި ކުރުމަށްދާ ބާޒާރެކެވެ. ދަނޑުވެރިކަމާއި ރާއްޖޭގެ އުފެއްދުންތަކަށް ހާއްޞަ މިބާޒާރުގައި ބައެއްފަހަރު އިންޕޯރޓް މުދާވެސް ބައެއް ފަރާތްތަކުން ވިއްކަމުންދެއެވެ. މިކަމަކީ މަނާކަމެކެވެ. މިގޮތުން ކުޅުދުއްފުށީ ކައުންސިލުން ވަނީ މީގެކުރިން އެތައް ފަހަރަކު ހޮނިހިރު ބާޒާރުގައި އިމްޕޯޓް މުދާ ވިއްކުން ހުއްޓުވާފައެވެ.
ހޮނިހިރު ބާޒާރުން ފާހަގަ ކޮށްލެވޭ އަނެއްކަމަކީ ކިތަންމެ އަވި ގަދަވިއަސް އަދި ވާރެވެހުނަސް މިމާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން އެމީހުންގެ މަސައްކަތް ކުރިއަށްގެންދާކަމެވެ.. ވާރޭވެހުނަސް ކޮންމެސް ގޮތަކަށް ހިޔާކޮށްލައިގެން ތަކެތި ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.
ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ވަރަށްފަހުން ކުޅުދުއްފުށީގައިވަނީ ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. ރޯދަމަހާ ގާތްވެފައި ވަނިކޮށް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ވަނީ އިއުލާނުކޮއްފައެވެ. އެހެންނަމަވެސް އަދި މިއަދާ ހަމަޔަށް ދިޔައިރުވެސް މި ގޮޅިތަށް އާންމުނަށް ދޫކޮއްފަ ނުވާކަން ފާހަގަކޮށްލެވެއެވެ.