ލުއި އެކްސްޕްރެސް ލޯނެއް ނަގާފައިވާ ކަސްޓަމަރަކަށް ނަގާފައިވާ ލޯނުގެ އަދަދު އިތުރު ކުރެވޭ ގޮތަށް ހަމަޖައްސާ ލުއި އެކްސްޕްރެސް ލޯން ދޫކުރުމުގައި ބީއެމްއެލުން ގެންގުޅޭ އުސޫލަށް ބަދަލް ގެނެސްފިއެވެ.ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ބުނީ ލުއި އެކްސްޕްރެސް ލޯނަށް ބޮޑު ދެ ބަދަލެއް ގެނެގެސްފައިވާ ކަމަށާއި އެ ދެ ބަދަލަކީ ލުއި އެކްސްޕްރެސް ލޯނެއް ނަގާފައިވާ ކަސްޓަމަރަކަށް، ނަގާފައިވާ ލޯނުގެ އަދަދު އިތުރުކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ބީއެމްއެލްގެ މުސާރަ ޖަމާކުރުމުގެ ޚިދުމަތް މެދުވެރިކޮށް އެކައުންޓަށް މުސާރަ ޖަމާކުރާ ފަރާތްތަކަށް އެކަނި ލުއި އެކްސްޕްރެސް ލޯން ދޫކުރުމުގެ ބަދަލުގައި އެކައުންޓް ޓްރާންސްފަރއާ ޗެކާ ނަގުދު ފައިސާއިން މަހުން މަހަށް މުސާރަ ޖަމާވިކަމުގައި ވިޔަސް ލުއި އެކްސްޕްރެސް ލޯނަށް އެދި ހުށަހެޅޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ.މިހާރު ނަގާފައިވާ ލޯނުގެ އަދަދު އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނީ 6 މަސްދުވަހު ލޯނަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދު ބަރާބަރަށް ދައްކާ އަދި ނަގާފައިވާ ލޯނުގެ މުއްދަތަށް 12 މަސްދުވަސް ވެފައިވާނަމަ ކަމަށްވެސް ބީއެމްއެލުން މައުލޫމާތުދެއެވެ. މި ބަދަލާ ގުޅޭގޮތުން ބޭންކުގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ލުއި އެކްސްޕްރެސް ލޯނަކީ ބޭންކުގެ ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ކަސްޓަމަރުން ބޭނުންވާ ލޯނު ކަމަށާއި މަތީ ތަޢުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާގެ އިތުރުން ދިރިއުޅުމުގެ ތަފާތު ބޭނުންތަކަށް ކަސްޓަމަރުން ލޯނު ނަގާފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއަދު މިގެނެވުނު ބަދަލާއެކު ގިނަ ކަސްޓަމަރުންނަށް މި ލޯނު ބޭނުންކުރެވިގެންދާނެ ކަމަށް މުހައްމަދް ޝަރީފް ވިދާޅުވިއެވެ.ލުއި އެކްސްޕްރެސް ލޯނަކީ ވިހިހާސް ރުފިޔާއިން ފެށިގެން ފަންސާސް ހާސް ރުފިޔާ އާ ހަމަޔަށް ދޫކުރާ ލޯނެކެވެ.ބޭންކުގެ އަމާޒަކީ މި ލޯނަށް އެދި ހުށާއަޅާ ދުވަހުން ފެށިގެން ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ލޯނު ހަމަޖައްސައިދިނުން ކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.