ސިޔާސީ

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުނުކުރެވޭ އިޞްލާޙު ރައީސް ތަސްދީޤްކުރައްވައިފި


ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިޞްލާޙުގެނެސް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި 22 ވަނަ ދުވަހުއެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ހުށައަޅުއްވާ ކުރިމް ފާސްކުރި އިޞްލާޙުގައި ވަނީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުން ބިމެއް ދެވިދާނެކަމަށެވެެ. ނަމަވެސް އެފަދަ ފަރާތަކަށް ބިމެއްގެ "މިލްކުވެރިކަމުގެ ހައްގުތައް" ދިނުމަކީ އެ ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތާއި ބާރު ގެއްލި، އެސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ނުބެލެވޭނެ ސަބަބެއް ނޫން ކަމަށް އެ އިސްލާހުގައިވެއެވެ.

މި އިޞްލާޙު އުވާލުމަށް ހުށައަޅަފައިވަނީވެސް ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢެވެ. އެ އިޞްލާޙު އުވާލުމަށް ހުށައެޅުއްވި ސަބަބެއްކަމަށް ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެއްވެސް ހާލަތެއްގައި ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރެވުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ބީވެގެންދާނެ ކަމެއް ކަމަށެވެ. ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ އިޞްލާޙު އުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.