ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލީހުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެކަން އެޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވަނީ މަތީ މަޖިލީސް ނުވަތަ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ވަމުން އަންނަ ތައްޔާރީތައް ހިއްސާކުރައްވާފައެވެ. އެޕާޓީގެ މަތީ މަޖިލީސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ ސެޕްޓެމްބަރ މަހުގެ 15 އިން 18 އަށެވެ.
ޕީއެންސީން އެ ޕާޓީގެ މަތީ މަޖިލީސް ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަތީ މަޖިލީހުގެ އިންތިޚާބީ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރަމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިގޮތުން މަތީ މަޖިލީހުގެ ޖުމްލަ 49 މަޤާމަކަށް މެންބަރުން އައްޔަން ކުރާނެއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެއެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށް ދާނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.
1. ޕާޓީގެ ނައިބު ރައީސް - 6
2. މެންބަރުންގެ މަޖިލީހުގެ މެންބަރުން - 18
3. މެންބަރުންގެ މަޖިލީހުގެ މެންބަރުން (އަންހެން) - 10
4. މެންބަރުންގެ މަޖިލީހުގެ މެންބަރުން (ޒުވާނުން) - 7
5. އަންހެނުންގެ ހަރަކާތުގެ މަޤާމްތަކަށް - 4
6. ޒުވާނުންގެ ހަރަކާތުގެ މަޤާމްތަކަށް - 4
ފިރުޒުލް ވަނީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޕޮލިސް ރެކޯޑާއި، ކުށުގެ ރެކޯޑު އަކީ 1 މަސް ނުވާ ރެކޯޑުތަކަށް ވާންޖެހޭނެކަމަށް ވިދާޅުވެފައެވެ.
ޕާޓީގެ މަތީ މަޖިލީސް ބޭއްވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އަސާސީ ޤަވާއިދާއި އެއްގޮތަށް މަތީ މަޖިލީހުގައި ތިބޭ މަޤާމުތަކުގައި ފަރާތްތަކަށް މިހާރު ދައުވަތުތައް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ އިދާރީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
" ކޮންގްރެސް ވަޑައިގަތުމަށް ހަމެޖެހިފައިވާ ފަރާތްތަކުން އިންތިޒާމުތައް ހަމަޖައްސަމުންދަނީ. އަސާސީ ޤަވާއިދާއި އެއްގޮތަށް މިހާރު ވަނީ މަޤާމުތަކުގައި ތިބި ފަރާތްތަކަށް ދައުވަތު އެރުވިފައި. އަދި ބައިވެރިންގެ އިދާރީ ކަންކަން ހަމަޖެއްސުމަށް ރަޖިސްޓްރީވުމަށް ކަންކަން ކުރިއަށް ގެންދާނެ. އެއީވެސް އޮންލައިން ކުރިއަށް ގެންދެވޭނެ މަސައްކަތެއް. ވަރަށް އަވަހަށް އެފުރުސަތު ހުޅުވާލެވޭނެ. އަދި ވަރަށް އަވަހަށް ހުރިހާ ކަމެއްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކޯލް ސެންޓަރެއް ޤާއިމްކުރެވޭނެ. ސެޕްޓެމްބަރު 1ވަނަ ދުވަހުން ކޯލް ސެންޓަރުން ޚިދުމަތްދޭން ފަށާނެ. " ޕީއެންސީގެ ތަރުޖަމާނު ވިދާޅުވިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ވަމުންދާ ތައްުޔާރީތަކުގައި ޕާޓީގެ މެންބަރުން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ޕީއެންސީއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި ޕާޓީއެވެ. އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެޕާޓީގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 67،000 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީ ވެފައިވެއެވެ. ނަމަވެސް މިހާރު އެޕާޓީގެ މެންބަރުންގެ އަދަދު 70،000އަށް އާރާނެކަމަށް އެޕާޓީން ވަނީ ވިދާޅުވެފައެވެ.