އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ޔުނައިޓެޑުން ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެެއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 5 ލަނޑު 2 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްވަނީ ހެޓްރިކެއް ހަދާފައެވެ. ނަމަވެސް މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ފުރަތަމަ 3 ލަނޑުވެސް ޖަހާފައިވަނީ އިޕްސްވިޗްގެ ކުޅުންތެރިންނަށް ހެދުނު ގޯހުގެ ސަބަބުންނެވެ.
ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ އިޕްސްވިޗް އިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އަބްދުލް ފަތާވޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލެއިފް ޑޭވިސްއެވެ. މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖަހާފައިވަނީ އިޕްސްވިޗްގެ މާސެލީނޯ ނޫނޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ފެނާންޑޭޒްއެވެ. މިމެޗުގައި ޔުނައިޓެޑުން ލީޑު ނަގާފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ނަމަވެސް މިލަނޑަކީ އިޕްސްވިޗްގެ ޖޭކޮބް ގްރީވްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިލަނޑު އިޕްސްވިޗް ކޮޅަށް ވަދެފައިވަނީ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މެގުއަޔަރ ގޯލަށް ފޮނުވާލި ހަމަލާއެއް ބޭރަށް ދަނިކޮށް ގްރީވްސް ގައިގާ ޖެހިފަ ގޯލަށް އަމާޒުވުމުންނެވެ. އަދި މެގުއަޔަރ ބޯޅަ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހުމާއި ގުޅިގެން އިޕްސްވިޗް އިން އެކަމާއި މައްސަލަ ޖެއްސި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެލަނޑު ބަލައިގެންފައިވަނީ މިހާރުގެ ހޭންޑްބޯލް ގަވައިދު ބުނާގޮތުން އިދިކޮޅު ކުޅުންތެރިއެއްގެ އަތުގައި ގަސްތުގައި ނޫންގޮތަކަށް ބެހޭ ބޯޅަ ބައިކުޅުންތެރިއެއްގެ އަތުން ގޯލަށް ބަދެއްޖެނަމަ އެއީ ލަނޑަކަށް ވާގޮތަށް އޮތުމުންނެވެ.
މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނީ ފެނާންޑޭޒްއެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ފެނާންޑޭޒްވަނީ އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މިއީ ޔުނައިޓެޑްގެ ކެރިއަރުގައި ފެނާންޑެޒް ހެދި 3 ވަނަ ހެޓްރިކެވެ. މިމެޗުގައި ޔުނައިޓެޑްގެ ފަހު ލަނޑު ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ބްރަޔަން އެމްބެއުމޯއެވެ. މިމެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ޑިފަންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އިޕްސްވިޗުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗޫބާ އަކްޕޮމްއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ މިފަހަރު ލީގުގައި ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. މިދިޔަ ހަފްތާގައި ރަށުން ބޭރުގައި ހަލް ސިޓީ އާއި ބައްދަލުކުރި މެޗުން އެޓީމުވަނީ ބަލިވެފައެވެ.