އިންސާނީ ޙައްޤުތަކާއި ޚިލާފަށް ހިންގާފައިވާ ޢަމަލުތަކަށް އިންސާފު ހޯދައި ދިނުމަށްޓަކައި "އިންތިޤާލީ އަދާލަތު ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދާ އެ ކޮމިޝަނަށް ޤާނޫނީ ގޮތުން ބާރުތަކެއް ދިނުމަށް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަތީ 42 މެންބަރުންގެ ވޯޓުންނެވެ. މި ބިލް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުއްވާފައެވެ.
އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ބިލުގެ މަޤްޞަދެއް ކަމަށް ބުނެފައިވަނީ ދަޢުލަތުގެ މުޢައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރި ޢަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެވިފައިވާ ނަމަ ނުވަތަ މީހެއްގެ އިންސާނީ ޝަރަފާއި ކަރާމާތަށް އަސަރުކޮށްފައިވާނަމަ އެފަދަ މައްސަލައެއް ދެނެގަނެ އެކަމުގެ ޒިންމާވާ ދަޢުލަތުގެ މުޢައްސަސާތަކާއި އޭގައި ހިމެނޭ ފަރާތްތަކުގެ މައްސަލަތައް ތަޙުޤީގުކޮށް ޙަޤީގަތާއި ހަމައަށް ވާޞިލުވުން ކަމަށެވެ.
ނިޒާމީ ސިފައެއްގައި ރޭވިގެން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމަށް ހިންގާފައި ކަންކަން ބަލާނީ 2012ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އިންތިޤާލީ އަދާލަތު ކޮމިޝަން އުފައްދާނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. މި ކޮމިޝަން އެކުލެވިގެން ވަނީވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ ފަސް މެންބަރުންގެ މައްޗަށެވެ. އަދި އެ ކޮމިޝަންގެ ޗެއަރޕަސަން ކަމަށ ބޭފުޅަކު ޢައްޔަން ކުރައްވާނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
ބިލުގައި ބުނެފައިވަނީ ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުލަތާއި ދަޢުލަތާއި ގުޅުންހުރި މުޢައްސަސާއަކުން ނުވަތަ އިދާރާއެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، އެއްވެސް މީހެއްގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް އިންތިޤާލީ އަދާލަތު ކޮމިޝަނަށް ލިބިގެންވެއެވެ.
ކޮމިޝަން އެކުލަވާލުމަށްފަހު އެ ކޮމިޝަންގެ އިޙްތިޞާޞްގައިވާ ބާވަތުގެ މައްސަލަތައް ދެނެގަތުމަށްޓަކައި އެފަދަ މައްސަލަތައް ހުށަހެޅުމަށްޓަކައި ޢާއްމުކޮށް އިޢުލާނުކުރާތާ ދެމަސް ދުވަހުގެ ތެރޭގައި ހުށަހެޅޭ މައްސަލަތައް ބަލަންޖެހެއެވެ. އެ ކޮމިޝަނުން ތަޙްޤީގު ކުރާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް އެމީހެއްގެ ދިފާޢުގައި ވާހަކަދެއްކުމާއި ޖަވާބުދާރީވުމުގެ ފުރުޞަތު ނުވަތަ ވަކީލެއްގެ އެހީތެރިކަން ދެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އިންތިޤާލީ އަދާލަތު ކޮމިޝަނަށް ހާޒިރުވާން އަންގާ މީހަކު، ހާޒިރުނުވެއްޖެ ނަމަ، އެމީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމާއި ފަންނީ އެހީތެރިކަން ބޭނުން ނަމަ، ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ އިންވެސްޓިގޭޓަރުން ގެނައުމުގެ ބާރު ވެސް އެ ކޮމިޝަނަށް ބިލުގައިވަނީ ދީފައެވެ. އަދި އެ ކޮމިޝަނުން ބަލަމުންދާ ތަޙްޤީގާއި ގުޅިގެން ތަނެއް ބަލާ ފާސްކުރަން ޖެހިއްޖެ ނަމަ އެފަދަ ތަނެއް ނުވަތަ ތަކެއްޗެއް ބަލާ ފާސްކުރުމުގެ ކޯޓު އަމުރަކަށްވެސް އެ ކޮމިޝަނަށް އެދެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ބާވަތުގެ ޢަމަލަކާއި ގުޅޭގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހަކު ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭ ޙާލަތުގައި އެފަދަ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކޯޓު އަމުރަކަށްވެސް އެދެވިދާނެއެވެ. ބިލުގައި އިތުރަށް ބުނެފައިވަނީ ދަޢުލަތުގެ އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ތެރޭގައި ނުހިނެމޭ، ނަމަވެސް ނިޔާ ކަނޑައަޅައި އިންސާފު ޤާއިމްކުރުމުގެ ބާރު ލިބިފައިވާ މިނިވަން އޮފީހެއް ޤާއިމް ކުރަންޖެހޭނެ ކަމަށެވެ. އެއީ އިންތިޤާލީ އަދާލަތުގެ އޮންބުޑްސްމަންގެ އޮފީހެވެ. މިއީވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އޮފީހެކެވެ.
އެ އޮފީހަށް ޢައްޔަން ކުރާ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ސުޕީރިއަރ ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހުންނަންޖެހެއެވެ. މި އޮފީހަކަށް ބޭރުގެ ފަރާތެއް ޢައްޔަން ކުރުމަކަށް އެއްވެސް ހުރަހެއް ނެތެވެ.
އޮންބުޑްސްމަންގެ އޮފީހުން ކުރާނެ މަސައްކަތަކީ އިންތިޤާލީ އަދާލަތު ކޮމިޝަނުން ތަޙުޤީގުކޮށް ނިންމާ މައްސަލަތައް ބަލައި ނިންމުމާއި އެފަދަ މައްސަލައެއްގައި ނިންމުމެއް ނިންމައި ދިނުމަށް އެދި ކޮމިޝަނުން އެ އޮފީހަށް ހުށަހެޅުމުން އެފަދަ މައްސަލައެއް ބެލުން ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.