ކާބޯތަކެތީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ސަބަބުން ޤައުމުތަކުގެ އިޖުތިމާޢީ، އަދި އިޤުތިޞާދީ ތަރައްޤީއަށް ހުރަސްއެޅޭ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްޚަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބުގައެވެ.ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 7 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ސިއްޚަތު ދުވަހުގެ ގޮތުގައެވެ. އެގޮތުން މިއަހަރުގެ ސިއްޙަތު ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ، "ދަނޑުން ސުފުރާޔަށް – ކާނާ ރައްކާތެރިކުރަމާ" މި ޝިޢާރެވެ.މި އަހަރުގެ ޝިޢާރު މައިގަނޑުގޮތެއްގައި އަމާޒުކުރެވިފައިވަނީ ކާނާއާއި، ކާބޯތަކެތި ރައްކާތެރިކަމާއެކު ބޭނުންކުރުމުގެ މައްޗަށެވެ.ދުނިޔޭގެ ސިއްޚަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ހިތާބުގައި ހެލްތް މިނިސްޓަރ އަހުމަދު ޒުޙޫރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅުވައިގެން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުޞަދަކީ، ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަށް ދައުލަތްތަކަށް ހިތްވަރުދީ، ބާރުއެޅުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމާމެދު އާންމުން ހޭލުންތެރިކުރުވުންކަމަށެވެ.ހެލްތް މިނިސްޓަރ ޒުޙޫރު ވިދާޅުވީ، ރާއްޖެއަކީ ގިނަ އަދަދަކަށް ކާނާ އެތެރެކުރާ ޤައުމަކަށްވުމާއެކު، އެތެރެކުރެވޭ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަމުގައި ކަށަވަރުކުރުމަށްޓަކައި، ކަމާގުޅުންހުރި މުއައްސަސާތަކާއި، ކާބޯތަކެތި އެތެރެކުރާ ވިޔަފާރިވެރިންގެ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުވެފައިއޮތުން މުހިއްމުކަމުގައެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައިހެލްތް މިނިސްޓްރީއާއި، އެކޮނޮމިކް މިނިސްޓްރީ އަދި ކަސްޓަމްސް ފަދަ ތަފާތު މުއައްސަސާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ކާބޯތަކެތި ރައްކާތެރި ނޫންގޮތުގައި ބޭނުންކުރުމުގެ ސަބަބުން، ތަފާތު ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އެކިގޮތްގޮތުން ތަޣައްޔަރުވެފައި ހުންނަ ފެނާއި، ކާބޯތަކެއްޗާއި، ބެކްޓީރިޔާ، ވައިރަސް، އަދި ކެމިކަލްތަކުގެ ސަބަބުން ދުއިއްސަތައަށްވުރެ ގިނަ ބަލިތައް ޖެހޭކަމަށް ސިއްޚީ ހޯދުންތަކުންދައްކައެވެ.އެގޮތުން ކާބޯތަކެތި ރައްކާތެރި ނޫންގޮތުގައި ބޭނުންކުރުމުގެ ސަބަބުން، ބޭރަށް ހިންގުމާއި، ކެންސަރު ފަދަ ބަލިތައް ޖެހުމަށް މެދުވެރިވެއެވެ. ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެކިގޮތްގޮތަށް ތަޣައްޔަރުވެފައި ހުންނަ ކާނާއާއި، ބޯފެން ބޭނުންކުރުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 2 މިލިއަން މީހުން ދުނިޔެ ދޫކުރެއެވެ.