ޚަބަރު

ބާރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވެފައި


ހއ.ބާރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް އެރަށުގައި ހުންނަ ފެނަކަ ބްރާންޗުން ބުނެފިއެވެ.

ބާރަށަށް ކަރަންޓު ފޯރުކޮށްދޭ މައި ޖަނަރޭޓަރު ހަލާކުވުމާ ގުޅިގެން އިއްޔެ މެންދުރުން ފެށިގެން ގިނަ ވަގުތުތަކަށް މުޅިރަށުން ކަރަންޓު ކެނޑުނު ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ބާރަށު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ވިދާޅުވީ އިއްޔެގެ މެންދުރު 2 ޖެހިއިރު ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑި ރަށުގެ ރައްޔިތުންގެ މުދަލަށާއި އަދި ބައެއް ވިޔަފާރިވެރިންގެ މުދަލަށްވެސް ގެއްލުން ވެފައިވާކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުގެ ބާރަށު ބްރާންޗު ހިންގުމާއި ޙަވާލުވެ ހުންނެވި އަންވަރު ސައާދަތު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 323 ކިލޯވޮޓުގެ މައި ޖަނަރޭޓަރު އެއްކޮށް ހަލާކުވުމުގެ ސަބަބުންކަމަށެވެ.

ބާރަށަށް އަލުން ކަރަންޓު ފޯރުކޮށްދީފައިވަނީ ހދ.ކުޅުދުއްފުށީގައި ޙަރަކާތްތެރިވާ ފެނަކަ ޓެކްނީޝަނުންގެ އެހީތެރިކަމާއެކު 90 ކިލޯވޮޓާއި 250 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ރޭގެ ދަންވަރު 3 ޖެހިފަހުންނެވެ. ފެނަކަ ބާރަށު ބްރާންޗުން ބުނީ މިއީ ވަގުތީ ހައްލެއްކަމަށާއި މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 350 ކިލޯވޮޓުގެ ޖަނަރޭޓަރަކަށް މިހާރު ކުންފުނީގައި އެދިފައިވާނެކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދޭތެރެދޭތެރެއިން އެ ރަށުން ކަރަންޓު ކެނޑެމުންދާކަން ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ފާހަގަކުރެއްވިއެވެ. ބާރަށަކީ އާބާދީގައި ދެހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ރަށެކެވެ. ނަމަވެސް ރަށުގައި މީހުން ދިރިއުޅޭ އާބާދީ މަދުވެފައި ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ބޭނުންކުރަނީ ރަށުގެ ތިންސަތޭކައެއްހާ ގެއިން ކަމަށް ރަށު ކައުންސިލުން ބުނެއެވެ.