ސްޕޯޓްސް ޓޫރިޒަމް އިސްތިޙާރު ކުރަން އޮތް އެންމެ ރަގަޅު އެއްކަމަކީ، ފެތުމުގެ ތަފާތު ޙަރަކާތްތައް ހިންގުން ކަމަށާ، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެހެންގައުމުތަކުގައި އިސްތިހާރު ކުރުމަށް ބޭނުން ކުރެވޭނެ އެންމެ މުހިންމު އެއް ވަސީލަތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ކަނޑާ މޫދުކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަޙީދު ވިދާޅުވެއްޖެ.
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދިގު ފެތުމުގެ އިވެންޓް “ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019” ފެށުމަށް ބ.އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ވިދާޅުވީ، ފެތުމުގެ މި ހަރަކާތުގެ ސަބަބުން ރާއްޖެގެ ފަތުރުވެރިިކަން އިސްތިހާރު ވެގެންދާނެކަމަށް ގަބޫލް ކުރާކަމަށެވެ.
ރާއްޖޭގައި އެންމެ ޙަރަދު ކުޑަކޮށް ކުރެވޭނެ އެންމެ ރަގަޅު އެއްކަމަކީ ފެތުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފުޓްބޯޅަ ކުޅުމަށް ދަނޑު އަޅާ އުސޫލުން ފެތުމަށް ރާއްޖޭގަ ސްޓޭޑިއަމްތަކެއް ގޮތައް ހަދަން ނުޖެހޭކަމަށެވެ. ފަތުރުވެރިކަން މާކެޓް ކުރުމަށް އަބަދުވެސް ވިސްނުން ގެންގުޅޭނީ މިފަދަ އާ ކަންކަން ކޮށްގެންކަމަށާއި، މިފަދަ ތަފާތު ހަރަކާތްތައް މިނިސްޓްރީން ރާވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގާނޫނާ ޤަވައިދުތައް ކިތަންމެ ރަގަޅަށް ހެދިފައި ހުރިނަމަވެސް އެކަންކަމަށް އަމަލު ނުކުރާނަމަ ކަނޑުމަތީގެ ހާދިސާތައް އިތުރުވެގެންދާނެކަމަށާއި، މިފަދަ ކަންކަމު ސަލާމަތް ވުމަށް ކޮންމެ މީހަކީ ފަތަން ދަންނަ މީހަކަށްވުން މުހިއްމުކަމަށެވެ.
މި ރަސްމިއްޔާތުގައި ސުވިމް މޯލްޑިވްސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ގާނޫނީ ވަކީލް، އަދި ދުވުންތެރިޔާ، ހުސެން ޝަމީމު ވިދާޅުވީ، މިހަރަކާތް ކޮންމެ އަހަރަކުވެސް ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. ކޮންމެ މީހަކީ ފަތަން އެނގެންޖެހޭ މީހެއްކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ، ސިވިލްސާވިސް ވަޒީފާދިނުމުގައި އެމީހަކީ ފަތަން އެނގޭ މީހެއްތޯ ބަލަންޖެހޭކަމަށެވެ.
"ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް" މި ހަރަކާތުގައި ފެތުންތެރިން މިއަދު ގޮސްފައިވަނީ އޭދަފުށި، ސޮނޭވާ ފުށި، ނެލިވަރު ފިނޮޅު އަދި މާޅޮސް އަށެވެ. ކުރިއަށްއޮތް ދުވަސްތަކުގައި ހަރަކާތުގެ ބައިވެރިން ފަތާފައި އިތުރު ރަށްތަކަށް ދާނެއެވެ.
މި ޙަރަކާތުގައި ބައިވެރިވާ 8 ފެތުންތެރިން ބ އަތޮޅުގެ 22 ރަށަކަށް ފަތާފައި ދާނެއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ 8 ރަށާއި 13 ރިސޯޓެއްގެ އިތުރުން ފިނޮޅެއް ހިމެނެއެވެ. މި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.