އެސޯސިއޭޝަން ކަޕުން އަލްމާ ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފިއެވެ.
އަލްމާ ސްޕޯޓްސް ކުލަބް އެސޯސިއޭޝަން ކަޕްއިން ޖާގަ ހޯދާފައިވަނީ ރޭ މުބާރާތުގެ ޕްލިމިނަރީ ބުރުގެ ފަހު މެޗްގައި ކުލަބް ވޮލީ ބޯލް އާއި ވާދަކޮށް 3 ސެޓް 2 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
މެޗުން މޮޅުވާ ޓީމަކަށް އެސޯސިއޭޝަން ކަޕުން ޖާގައެއް ލިބެން އޮތް މެޗްގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ އަލްމާ ސްޕޯޓްސް ކުލަބުންނެވެ. އެއީ 25-22 އަދި 25-21ހުންނެވެ. ފުރަތަމަ ދެ ސެޓް އަލްމާއިން ގެންދިއުމާއެކު ކުލަބް ވޮލީބޯލް ޓީމް ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓުނެވެ. ނަމަވެސް އެޓީމްއިންވަނީ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށް، ޖެހިގެން އައި 2 ސެޓް ކާމިޔާބުކޮށްފައެވެ.
ކުލަބް ވޮލީ ބޯލްއިން ސެޓްތަށް ގެންދިޔައީ 25-18 އަދި 25-14 އިންނެެވެ. މެޗްގެ ފަހު ސެޓް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.
ދެ ޕޮއިންޓްގެ ތަފާތުން މެޗްގެ 5ވަނަ ސެޓް ކާމިޔާބުކޮށް އެސޯސިއޭޝަން ކަޕުން ޖާގަ ހޯދީ އަލްމާ ސްޕޯޓްސް ކުލަބެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އަލްމާ ސްޕޯޓްސް ކުލަބްގެ ޝަހުމީލާ އަބްދުލް ހަކީމެވެ.
މެޗަށްފަހު އަލްމާ ސްޕޯޓްސް ކުލަބްގެ ކެޕްޓަން އާމިނަތު އަބްދުލް ރަޝީދުބުނީ މެޗް ދިޔައީ ހީކުރިގޮތާ ހިލާފަށްކަމަށެވެ. އުންމީދު ކުރީ ވަރަށް ފަސޭހަ މެޗަކަށް ވެގެންދާނެކަމަށާއި، މެޗްގެ 3 އަދި 4ވަނަ ސެޓް އަލްމާއަށް ގެއްލުނީ އަމިއްލަ މިސްޓޭކްތަކެއްގެ ސަބަބުންކަމަށް އަލްމާ ސްޕޯޓްސް ކުލަބްގެ ކެޕްޓަން އާމިނަތު އަބްދުލް ރަޝީދު ބުންޏެވެ.
ކުލަބް ވޮލީބޯލްގެ ކޯޗް ހަސަން އަގްލީން ބުނީ މެޗުން ބަލިވިކަމަށް ވީނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.
ހާއްސަކޮށް ވަރަށް އުމުރުން ހަގު ކުޅުންތެރިންނަށްވެފައި، ދެ ސެޓް ފަހަތުގައި އޮވެފައި ފަހަތުން އަރާ ދެ ސެޓް ހޯދުމުން ޓީމްގެ ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށް ކޯޗް ބުންޏެވެ.
މެޗްގެ ފަހު ސެޓްގައި ބަލިވީ ކުޅުންތެރިންގެ ތަޖްރިބާ އަދި މެޗްގެ ކުރީކޮޅުގައި ލީޑް ނުނެގުމުގެ ސަބަބުންކަމަށް ކުލަބް ވޮލީބޯލްގެ ކޯޗް ހަސަން އަގްލީން ބުންޏެވެ.
އެސޯސިއޭޝަން ކަޕްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.