ޚަބަރު

އައްޑޫ ސިޓީގައި ހައުސިންގް މިނިސްޓްރީއިން ދެމުންދިޔަ ޚިދުމަތްތައް، އައްޑޫސިޓީ ކައުންސިލުގެ ދަށަށް


އައްޑޫ ސިޓީގައި ހައުސިންގް މިނިސްޓްރީއިން ދެމުންދިޔަ ޚިދުމަތްތައް، އައްޑޫސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްފިއެވެ.

ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން، ކުރީގެ ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ބާރުތައް އަނބުރާ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ ގުޅިގެން ހައުސިން މިނިސްޓްރީން އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެކައުންސިލަށް 12 ކަމެއް ބެލެހެއްޓުމުގެ ޒިންމާ އަނބުރާ ދީފައެވެ. އޭގެ ތެރޭގައި ބިން ދޫކުރުމާއި ބިންތަކާއި ގުޅިގެން ނިންމަން ޖެހޭ ކަންކަން ނިންމުމުގެ ބާރާއި، މުނިސިޕަލް ޙިދުމަތްތަކުގެ އިތުރުން ވިޔަފާރިތައް ހިނގަނީ ޤާނޫނާއި އެއްގޮތަށްތޯ ބަލެހެއްޓުން ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހައުސިންގް މިނިސްޓްރީގެ ދަށުން އައްޑޫ ސިޓީގައި 3 ސެކްޝަނެއް ހިންގަމުންދާ ކަމަށެވެ.
އައްޑޫސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ މި ތަންތަނުން ކުރަމުން އައި މަސައްކަތްތައް ސިޓީ ކައުންސިލްގެ ދަށަށް އެއްކޮށް ބަދަލުކޮށް ނިންމުމަށް ދުވަސްކޮޅެއް ނަގާނެކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދާނީ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ހުއްޓުމެއް އަޔަނުދެއްވާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތުގެ ތެރެއިން އިންތިޒާމު ކުރަން ބޭނުން ވަނީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް. ދައުލަތަށް އެންމެ ޚަރަދު ކުޑަ ގޮތަކީ ކޮބާތޯ ބަލައި، އެގޮތަށް އެ އިންތިޒާމްތައް ކުރަމުން ދަނީ. އެހެންނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެން މި ރާވާ ރޭވުމުގެ ތެރެއިން މަސްލަހަތަށް ބަލައި، މަސްލަހަތަށް ފުށުއަރާ ގެއްލޭ އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަޅުގަނޑުމެން ސިޓީ ކައުންސިލުން ކުރާކަށް ބޭނުމެއް ނުވޭ " މޭޔަރ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލަކާއެކު ސިޓީ ކައުންސިލަށް ލިބިގެންވާ ބައެއް ބާރުތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ 2015 އަހަރުއެވެ.