ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން ދެ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނުގައި ވިދާޅުވީ، ސިވިލް ކޯޓުގެ ޤާޟީ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ފެންނަކަމަށް އެކޮމިޝަނުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ، އެކޮމިޝަނުގެ ޤާނޫނުގެ 25 މާއްދާއާ ހަވާލާދީއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާޟީ އިޙްސާން ސަސްޕެންޑް ކުރިއިރު، އޭނާއާ ގުޅޭ މައްސަލައެއް ކޯޓުގެ މުވައްޒަފުންގެ ފަރާތުން ޖޭއެސްސީއަށް ވަނީ ހުށަހަޅާފައެވެ.