ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖް 2027 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑެން ފުޓްސަލް ޗެލެންޖް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ގަވައިދުން މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނައިރު، ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު މުބާރާތް ބާއްވާފައިނުވެއެވެ.
މި އަހަރު ކުރީކޮޅު ކުރިއަށްދިޔަ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 128 ރަށް ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހދ. ނައިވާދޫން ހޯދީ ފައިނަލުގައި ގއ. ދެއްވަދޫ ބަލިކޮށްގެންނެވެ.
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި އަންނަ އަހަރު މާރިޗު މަހު ފަށާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ކައުންސިލްތަކަށް ހުޅުވާލައިފައެވެ. ކައުންސިލްތަކަށް ބައިވެރިވާން ހުޅުވާލާ ފުރުސަތުގައި، ކައުންސިލްތަކުން ބައިވެރިނުވާ ހާލަތުގައި އެ ރަށްރަށުން މިދިޔަ ފަހަރުގެ މުބާރާތުގައި ބައިވެރިވި،
ކުލަބު ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެ ފުރުސަތުގައި ވެސް ރަށަކުން ބައިވެރި ނުވެއްޖެ ނަމަ އާންމު ކްލަބް ޖަމިއްޔާތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ރާއްޖޭގެ ގިނަ ފުޓްސަލް ކުޅުންތެރިންތަކެއް އެ މުބާރާތަކަށް ހުސްވާ އެއް މުބާރާތަކީ ގޯލްޑެން ފުޓްސަލް ޗެލެންޖެވެ. ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އަންނަނީ އަހަރަކަށްވުރެ އަހަރެއް މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ސަޕޯޓް ބޭނުންކޮށްގެންނެވެ.
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ވަނީ އަންނަ އަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ވަރުގަދަ ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން މުބާރާތުގައި ފެންނާނެ ބަދަލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.