ޚަބަރު

ހެލްތް މިނިސްޓަރ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުހެ ހާލަތު ބައްލަވާލައްވައިފި


ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން، އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުހެ ހާލަތު ބައްލަވާލައްވައިފިއެވެ.

ހެލްތް މިނިސްޓަރ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައިވަނީ އެ ސިޓީގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މިނިސްޓަރ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ބައްލަވާލައްވައި، ހޮސްޕިޓަލުގެ މެނޭޖްމަންޓާއި، މުވައްޒަފުންނާ ބައްދަލުކުރައްވާ ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ތަރައްޤީކުރަމުންދާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. ހެލްތް މިނިސްޓްރީން ބުނީ މިނިސްޓަރގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ޤާއިމްކޮށްފައިހުރި ސިއްޙީ މަރުކަޒުތަކުގެ ހާލަތު ބައްލަވާލެއްވުމަށް އެ ތަންތަނަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ އިސް ފަރާތްތަކާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަކަމަށެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި، ރަށްރަށުގެ ސިއްޙީ ނިޒާމް މިހާރަށްވުރެ ހަރުދަނާކޮށް ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ. އެގޮތުން މިހާރު ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް މުހިންމު ކަންތައްތަކެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.