ކޮންމެ އަހަރެއްގެ މެދުތެރޭގައި ބ.އަތޮޅު ހަނިފަރަށް މަންތާ ނުވަތަ އެންމަޑި ގިނަޢަދަދަކަށް ޖަމާވަނީ ކީއްވެގެންކަން އެންމެ ރަގަޅަށް ހޯދިފައި ނުވާކަމަށާ، އެކަން ދިރާސާކޮށް ބަލައި އެކަމުގެ މަޢުލޫމާތު ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ޙިއްސާކުރެވިއްޖެނަމަ، ފަތުރުވެރިކަމުން މިހާރައްވުރެ ބޮޑު ޢާމްދަނީއެއް ރާއްޖެއަށް ލިބޭނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރައް ބޭއްވި މަންޓާ ފެސްޓިވަލް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ބ.އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިސާވެއްގެ ގޮތުގައި ފެނިގެން ދިޔައީ، 2010ވަނަ އަހަރު އެމަނިކުފާނުގެ އިސްނެންގެވުމާއެކުކަން ފަހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭރުއޮތް ސަރުކާރުގެ އަމާޒަކަށްވީ ދިރޭތަކެތީގެ ނަސްލު މިގޮތައް ހުރި ތަންތަން ދެނެގަނެ އެތަންތަން ޙިމާޔަތްކޮށް ފަތުރުވެރިންގެ ސަމާލުކަމަށް ރާއްޖެގެނައުނަކަމަށެވެ.
އީޕީއޭގެ ރިސާޗް ހުއްދަލިބިގެން މަންޓާ ޓްރަސްޓް ޖަމްޢިއްޔާއިން ދަނީ ފޯސީޒަން ލަޑާ ގިރާވަރާގުޅިގެން އެންމަޑި ނުވަތަ މަންތާ އާ ބެހޭ ދިރާސާތަކެއް ކުރަމުންނެވެ. އަދި މިދިރާސާތައް ކޮންމެ އަހަރަކު އެއްފަހަރު ޢާންމުންނަށް ފެންނާނެގޮތައް ހާމަކުރަމުންދާކަމަށް ފޯސީޒަން ލަންޑާ ގިރާވަރުން ބުނެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެންމަޑި ނުވަތަ މަންޓާ ބ.އަތޮޅުގައި ދިރުވައި އާލާ ކޮށް ޔުނެސްކޯ ބަޔޯސްފިއަރ ރިސާވްއަކަށް ބ.އަތޮޅު ހެދުމުގައި ބ.އަތޮޅު މުޅިރައްޔިތުން ވަރަށް ބޮޑު ޤްރުބާނީއެއް ވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން މިއަދު ބ.އަތޮޅުގެ ރައްޔިތުން އުފާކުރާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ، މިރަސްމިއްޔާތުގައި މަންތާ ފެސްޓިވަލުން އިންތިޒާމުކޮށްގެން، ކުރިއަށްގެންދިޔަ ފޮޓޯ ގްރްފީ މުބާރާތާއި ކުރެހުމުގެ މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އެއައްފަހު ރައީސް ނަޝީދު ވަނީ މި ފެސްޓިވަލްގައި ހަދާފައިވާ 22 ސްޓޯލްއަކަށް ޒިޔާރަތްކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރާއްޖޭގައި ފުރަތަމަ ބޭއްވި މަންތާ ފެސްޓިވަލްއަކީ، މަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމިއްޔާއާ، ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވްއާއި ބ.އަތޮޅު ކައުންސިލް ގެ އިތުރުން ފޯސީޒަން ލަނޑާގިރާވަރު އަދި ދަރަވަންދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ.