ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރު ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސާއި، ހައްދުންމަތީ ފޮނަދުއާއި ގަން ގުޅުވައިދޭ މަގު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙް ކޮށްދެއްވައިފއެވެ. މި ދެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ހައްދުންމަތީ ފޮނަދުއާއި ގަން ގުޅުވައިދޭ ފަނަރަ ޕޮއިންޓް އެކެއް ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި، ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގ ގްރޫޕުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހައްދުންމަތީގެ ގަމާއި ފޮނަދުއާއި ދެމެދު އޮންނަ ބޮޑުމަގު ހެދުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ޗައިނާ ސަރުކާރުން މިހާރު ވަނީ ކަނޑައަޅާ، ކޮންޓްރެކްޓަރގެ ފަރާތުން ޓީމެއް ރާއްޖެ އައިސްފައެވެ. އަދި މިމަސައްކަތް ފެށުމަށް ބޭނުންވާ އިކުއިޕްމަންޓްސް ރާއްޖެގެނެސް މިމަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ލ. އަތޮޅު ގަމާއި ފޮނަދޫއާއި ދެމެދު އޮންނަ ސޯޅަ ކިލޯމީޓަރުގެ މަގު ހަލާކުވެފައިވުމުން ވަރަށް ބޮޑު ދަތިތަކާއި ދިމާވަމުންދާކަމަށް އެއަތޮޅުގެ ރައްޔިތުން ފާހަގަކުރެއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ދެން ކުރިއަށް ގެންދާ މަޝްރޫއަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިއެވެ. މިމަޝްރޫއޫގެ ދަށުން އިމާރާތްކުރެވޭ ފަނަރަ ސަތޭކަ ހައުސިންގ ޔުނިޓަކީ،ޗައިނާ ސަރުކާރުގެ އެހީގައި ކަނޑައެޅޭ ލުއި ލޯނެއްގެ ދަށުން، ޗައިނާގެ ކުންފުންޏެއްކަމުގައިވާ ޗައިނާ މެޝިނަރީ އެންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އިން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.
މި ލޯނުގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ 1500 ހައުސިން ޔުނިޓުގެ ތެރެއިން 704 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި، އަދި ބާކީ އަޅާނީ ދެކުނުގެ ހަތަރު އަތޮޅުގައެވެ. އެއީ ގއ. ގދ ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ.