އަންނަ މަހު ބަނގްލަދޭޝްގައި ސާފް ސުޒުކީކަޕް ފެށުމުގެ ކުރިން ޕާކިސްޠާނާއެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ދިވެހި ޤައުމީ ޓީމް ތައްޔާރުވެއްޖެއެވެ.
މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ޤަޠަރުގައެވެ. ދިވެހި ޓީމާއި، ޕާކިސްތާނުވެސް މުބާރާތަށް ތައްޔާރުވުމަށް ކޭމްޕްކޮށްފައިވަނީ ޤަޠަރުގައެވެ. މުބާރާތުގައި ރާއްޖެއާއި ޕާކިސްތާނު އޮތީ ދެ ގްރޫޕެއްގައެވެ. 1985 ވަނަ އަހަރުގެ ފަހުން ރާއްޖެ ވަނީ 10 ފަހަރު ޕާކިސްތާނާ ވާދަކޮށްފައެވެ. އޭގެ ތެރެއިން ރާއްޖެ މޮޅުވީ 3 މެޗުންނެވެ. 3 މެޗު އެއްވަރުވެ، ރާއްޖެ 4 މެޗުން ބަލިވެފައިވެއެވެ. އެންމެ ފަހުން ރާއްޖެއާއި ޕާކިސްތާން ވާދަކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެމެޗު 3-0 ން ކާމިޔާބުކުރީ ރާއްޖެއެވެ.
ޤައުމީ ކޯޗު ޕީޓަރ ސެގާޓް ބުނީ ރަހުމަތްތެރިކަމުގެ މެޗުތަކުގައި ނަތީޖާއަށް ނުވިސްނާކަމަށެވެ. އެ މެޗުތަކުގައި ނަތީޖާއަށް ވިސްނައިގެން ކުޅެފިނަމަ ކުޅުންތެރިންނަށް އަނިޔާވުންގާތްކަމަށާއި، ރަޙްމަތްތެރިކަމުގެ މެޗުތަކުގެ ބޭނުމަކީ ކޭމްޕްގައި މިހާތަނަށް ކުޅުންތެރިންނަށް ކިޔާދީފައިވާ ޓެކްޓިކްސްތައް މެޗުގައި ބޭނުންކުރާ މިންވަރު ދެނެގަތުންކަމަށް ކޯޗު ބުންޏެވެ.
މިމެޗުތަކުން ބޭނުންވަނީ ކުޅުންތެރިން ޕްރެޝަރު ހޭންޑަލް ކުރާ މިންވަރު ދެނެގަތުން. މިޓީމްގައި ވަރަށް ގިނަ އާ ކުޅުންތެރިން ނުވަތަ ތަޖުރިބާ މަދު ކުޅުންތެރިން އެބަތިބި، އެކުންތެރިންނަން މިދެ މެޗު ވެގެންދާނީ ވަރަށް އާ ތަޖުރިބާއަކަށް. މިހާރު ކުޅުންތެރިން މަސައްކަތް ކުރާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ. އަހަރެން ބޭނުންވަނީ %100 ކޮންމެ ކުޅުންތެރިއަކުވެސް ދޭން. މެޗުތަކުގައި ލިބޭ މަދު ފުރުސަތުގެ ބޭނުން ހިފަން. ހުރިހާ އެއްޗެއްވެސް މިދަނީ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް ކިޔައިދެމުން." ކޭމްޕް ތެރޭގައި ކުޅެން ހަމަޖެހިފައިވާ ދެ މެޗަށް އިޝާރާތްކޮށް ކޯޗު ބުންޏެވެ.