ކުޅިވަރު

އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރ އައްޑޫއަށް ހިނގައްޖެ


އެމެރިކާގެ މަޝްހޫރު މެރަަތަނާ އަދި ވަރލްޑް ރިކޯރޑް ހޯލްޑަރ މައިކަލް ވޯޑިއަން މިއަދު އާއިލާއާއެކު އައްޑޫއަށް ހިނގައްޖެއެވެ.
ދުވެގެން ރަން ވަނަތަކެއް ހޯދާފައިވާ އައިރަނާސްގެ ރަން އެންބެސެޑަރ މައިކަލް ވޯޑިއަން އައްޑޫ އަށް ދިޔައީ ސްރީލަންކަން އެއާރލައިންސްއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މައިކަލް ވޯޑިއަންއަށް ގަން އިންޓަނޭޝަނަލް އެއާޕޯރޓުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤް (ސޯބެ) އެވެ.
އާއިލާއާއެކު މައިކަލް ފުރަތަމަ ދެ ދުވަހު ހުންނާނީ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ. އަދި އަނެއް ދެ ދުވަސް ހޭދަ ކުރާނީ ޝަންގްރިއްލާ ރިސޯޓްގައެވެ.

އަންނަ ހުކުރު ދުވަހު އޮންނަ އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރެއްގެ ގޮތުން މައިކަލް ވޯޑިއަން އައްޑޫ އަށް ގޮސްފައިވަނީ މި މެރަތަންގައި ދުވުމަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މައިކަލް ވޯޑިއަން ބުނެފައިވަނީ ރާއްޖޭގައި މެރަތަން ޖަހާލަން ލިބުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެކަމަށެވެ. އަދި ރާއްޖޭގެ ސަޤާފަތް ބަލާލުމާއި، ރާއްޖޭގެ ދުވުންތެރިންނާއެކު ދުވަން ލިބޭ ފުރުޞަތެއްކަމަށްވެސް އޭނާ ބުންޏެވެ.

މައިކަލް ވޯޑިއަން އަކީ މިހާތަނަށް ދުނިޔޭގެ 4 ވަރަކަށް ރިކޯރޑް ހޯލްޑް ކުރާ ދުވުންތެރިއެކެވެ. ތަފާތު ހައި ޕްރޮފައިގެ ދުވުންތެރިން ބައިވެރިވާ މި މެރަތަންގައި ރާއްޖެއިންވެސް އަލްޓްރާ މެރަތަން އާތިފް، އޭގެ އިތުރަށްް ނޭޝަނަލް ރިކޯރޑް ހޯލްޑަރ މަރިޔަމް އަބްދުލް ކަރީމް ފަދަ ދުވުންތެރިން މެރަތަންގައި ބައިވެރި ވާނެއެވެ.