ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބޭންކުން ޕްރޮމޯޝަނެއް ފެށުން






 


މޯލްޑިވްސް އިސްލާމިކް ބޭންކުން ޝޮޕް މޯ އެންޑް ވިންގެ ނަމުގައި ފައިސާ ކާޑު ބޭނުން ކޮށްގެން އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތްތަކަށް އިނާމު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.


 
3 މަސް ދުވަހުގެ ތެރޭގައި ފައިސާ ކާޑު ބޭނުން ކޮށްގެން އެންމެ ގިނަ ޓްރާންސެކްޝަން ހަދާ 3 ފަރާތަކަށް ޚާއްސަ އިނާމުތަކެއް ދެއްވަން ހަމަޖެހިފައިވާކަމުގައި އިސްލާމިކްބޭންކުން މައުލޫމާތުދެއްވައެވެ. އިސްލާމިކް ބޭންކުގެ ކާޑް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅުދައްކަވަމުން އިސްލާމިކް ބޭންކުގެ މާކެޓިންގ އޮފިސަރ މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ މި ޕްރޮމޯޝަންގައި ބައްލަވަަނީ ހަމައެކަނި ހޭދަ ކުރާ މިންވަަރަށް ނޫންކަމަށާއި އޭގެއިތުރުން ޓްރާންސެކްޝަންސް ހަދާ އަދަދަށް ކަމަށެވެ.


 
މި ޕްރޮމޯޝަނާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން، އެމްއައިބީގެ ކާޑް ސެންޓަރުގެ ފަރާތުން މުހައްމަދު ޒިޔާއު ވިދާޅުވީ، މި ޕްރޮމޯޝަންގައި ހިމެނޭނީ ވިޔަފާރި ކޮށްގެން ކުރެވޭ ޓްރާންސެކްޝަންތައް ކަމަށާއި، އޭޓީއެމް ބޭނުން ކުރުން ނުހިމެނޭނެ ކަމަށެވެ. ޒިޔާއު ވިދާޅުވި ގޮތުގައި، މިވަގުތު އެމްއައިބީގެ ފައިސާ ކާޑު އެކްޓިވްކޮށް ބޭނުން ކުރާ ފަނަރަ ހާހަށް ވުރެ ގިނަ ފަރާތް އުޅޭ ކަމަށާއި ޓާގެޓަކީ މިހުރިހާ ފަރާތްްތަކެއްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުންކަމުގައެވެ. ކުރިއަށް އޮތް ތިންމަސްދުވަހުގެތެރޭގައި ފައިސާ ކާޑު ބޭނުން ކޮށްގެން އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް އައިފޯން 5 އެސްއެއް ލިބޭނެކަމަށާއި އަދި ދެވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް ސެމްސަންގ ގެލެކްސީ އެސް 5 ފޯނެއް މީގެ އިތުރުން ތިން ވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް އައިޕެޑް އެއަރ އެއް ލިބޭނެ ކަމަށް އެމްއައިބީއިން މަޢުލޫމާތުދެއެވެ.