ޚަބަރު

ގުވާޑިއޯލް ސިޓީގައި އިތުރު 5 އަހަރު މަޑުކުރާނެ


  • އާ އެއްބަސްވުމުގެ ދަށުން ގުއާޑިއޯލް ސިޓީގައި 2031 ވަނަ އަހަރުގެ ނިޔަލަށް ހުންނާނެ

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ކްރޮއޭޝިއާގެ ތަޖްރިބާކާރު ޑިފެންޑަރ ޖޮސްކޯ ގުވާޑިއޯލް އެޓީމުގައި އިތުރު ފަސް އަހަރު މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފިއެވެ.

މިއާ އެއްބަސްވުމުގެ ދަށުން އުމުރުން 24 އަހަރުގެ ގުވާޑިއޯލް އެޓީމުގައި 2031 ވަނަ އަހަރުގެ ނިޔަލަށް ހުންނާނެއެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަރުމަނު ބުންޑެސްލީގާގެ އާރްބީ ލެއިޕްޒިގުން ސިޓީއަށް ބަދަލުވި ގުވާޑިއޯލްވަނީ މިހާތަނަށް ސިޓީއަށް 122 މެޗު ކުޅެދީފައެވެ. އަދި މިހާތަނަށް އެޓީމާއެކު 6 ތަށި ވަނީ ކާމިޔާބު ކޮށްފައެވެ.

ގުއާޑިއޯލް ބުނީ ސިޓީގައި ތިބި ފާހަގަ ކޮށްލެވޭ ކުޅުންތެރިންނާއެކު ކޮންމެ ދުވަހު އެކުގާ އުޅެ ވަރަށް ބުރަކޮށް މަސައްކަތް ކޮށް ގިނަ ކަންތައްތަކެއް ހާސިލް ކުރެވޭކަމަށެވެ. އަދި ބޭނުންވަނީ އެގޮތުގައި ކުރިއަށް އޮތްތާނގާއިވެސް މަސައްކަތް ކުރުން ކަމަށް އޭނާ ހާމަކުރިއެވެ. އަދި ސިޓީއަކީ އޭނާގެ ކުޅުމަށް ބަލާއިރު އެންމެ ރަނގަޅު ކްލަބް ކަމަށާއި އާއިލާއަށްވެސް މެންޗެސްޓަރ ވަރަށް ކަމުދާތީ މިއީ އޭނާ ވަރަށް ގަޔާވާ ކްލަބެއް ކަމަށެވެ.

ގުވާޑިއޯލް ބުނީ އޭނާއަށް ސިޓީ އާއެކު މިހާތަނަށް ހޯދިފައިވާ 6 ތަށީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ތައްޓަކީ އޭނާ ސިޓީއާއި ގުޅުނު ސީޒަންގައި ވަރަށް އުނދަގުލުން ކާމިޔާބު ކުރި ޕްރިމިއަރ ލީގުގެ ތަށިކަމަށެވެ. ގުއާޑިއޯލް ބުނީ އޭނާ ސިޓީއަށް ބަދަލުވިއިރު އޭނާގެ އުމުރުން 21 އަހަރު ކަމަށާއި މިވީ ތިން އަހަރުގެ ތެރޭގައި އޭނާއަށް ގިނަ ކަންތައްތަކެއް ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ކުޅުންތެރިންގެ ފަރާތުން ދަސްވެފައިވާކަމަށާއި އަދި އާކޯޗުގެ ފަރާތުން ކުރިއަށް އޮތްތާނގާ އިތުރަށް އޭނާގެ ކުޅުން ރަނގަޅުކުރާނެ ކަންތައްތަކެއް އެނގިގެންދާނެކަމަށް ގަބޫލް ކުރާ ކަމަށެވެ.