ރާއްޖެއަށް ބޭނުންވާ ބޭހާއި، ބޭހުގެ އަދަދު ދެނަގަނެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޝާހު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުމުގެ މަސައްކަތް ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފައްދައި، އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައެވެ. އަދި އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ބޭސް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ސްޓޭޓް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި ބޭނުންވާ ބޭހުގެ އަދަދު ދެނެގަނެ ކުރިއާލާ ބޭހަށް އޯޑަރު ޖަހައިފިނަމަ އެ ބޭހުގެ މުއްދަތު ހަމަވާ ތާރީޚް ވެސް ދިގުމުއްދަތަކަށް ލިބިގެންދާނެކަމަށެވެ. އެގޮތުން 1 އަހަރަށް ނުވަތަ 2 އަހަރަށް މުއްދަތު ހަމަވާ ބޭސް ދުރާލާ ގެނެވިއްޖެނަމަ މުއްދަތު ހަމަވާ ބޭހުގެ އަދަދުވެސް ކުޑަވަގެންދާނެކަމަށް ވިދާޅުވިއެވެ.
ބައެއް ތަފާސްހިސާބުތަކަށް އަލިއަލުވާލައްވަ ޑރ. ޝާހު ވިދާޅުވީ ރާއްޖޭގައި މުއްދަތު ހަމަވެގެން އުކާލާ ބޭސް %10އާއި %20 އާ ދެމެދެއްގައި އުޅޭކަމަށެވެ. ނަމަވެސް ބޭހުގެ ކަންކަން ގާތު ބަލާ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބޭހުގެ ބައި މަދުވެގެންދާނެކަމަށެވެ.
"ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށްފިނަ ރާއްޖެއަށް ބޭނުންވާ ބޭސްތައް ރައްޖޭގައި ބެހެއްޓޭނެ ގޮތް ހެދޭނެ.
ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ދުރާލާ ގެނެވޭނަމަށް އެ ހުސްނުވެ ހުންނާނެ" ސްޓޭޓް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ވަކި ކުންފުންޏެއް އުފެއްދުމުން ބޭހުގެ އަގުކޮންޓްރޯލްކުރުމަށްވެސް ފުރުޞަތުލިބޭނެކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ. އެއާއެކު އެހެން ފާރާތްތަކަށް ޑިޕެންޓް ނުވެ ބޭސް ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ވިދާޅުވިއެވެ. އަދި އާސަންދައިން ކުރާ ހޭދައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ޑރ. ޝާހު ވިދާޅުވީ ރާއްޖޭގައި ސއްިޙީ ދާއިރާގެ ޖުމުލަ ބަޖެޓުގެ ތެރެއިން %30 އަކީ ބޭހަށް ކުރާ ޚަރަދުކަމަށެވެ. މިއީ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖެފަދަ ކުޑަ ޤައުމަކުން ބޭހައް ކުރާ ބޮޑު ޚަރަދެއްކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބައެއް ބޭސް ނުލިބުމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއްކަމަށްވުމުން އެކަން ހައްލުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ސިއްޙީ ދާއިރާގައި މިވީ އަހަރުތަކުގައި އެކި ގޮތްގޮތުން ކުރިއަރައިގެން ދިޔަނަމަވެސް ބޭސް ނުލިބުން ފަދަ ކަންކަމުގެ މައްސަލައޮތްއިރު މިވީ އަހަރުތަކުގައި މިކަން ހައްލުކުރުމަށް އެދެވޭ މަސައްކަތްތައްކެއް ކުރެވިފައި ނެތެވެ. އެހެންކަމުން އަދުގެ ސަރުކާރުން ނެގި ފިޔަވަޅަކީ ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް ކުރިއަށް ދިއުމުގައި އެޅި މުހިއްމު ބިންގަލެކެވެ.