ދަރިމައިވުމުގެ ސިއްޙަތާއިބެހޭ މަޢުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށް ދޭންޖެހޭ ކަމަށް ޔޫއެންއެފްޕީއޭ އިން ބުނެފިއެވެ. ޔުނައިޓަޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް، ޔޫއެންއެފްޕީއޭއިން މިކަން ފާހަގަކުރީ ދަރިމައިވުމުގެ ސިއްޙަތާއި އެކަމާ ގުޅުންހުރި ޚިދުމަތް ހަރުދަނާ ކުރުމާއިބެހޭ ގޮތުން ޔޫއެންއެފްޕީއޭއިން ނެރު ރިޕޯޓެއްގައެވެ.
ޔުނައިޓަޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް، ޔޫއެންއެފްޕީއޭއާއި ހެލްތް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ދަރިމައިވުމުގެ ސިއްޙަތުގެ ޚިދުމަތްތަކާއިބެހޭ ރިޕޯޓަކީ މިދާއިރާއިން ދޭ ޚިދުމަތްތަކަށް މިހާރު ރާއްޖެއިން ޚަރަދުކުރާ މިންވަރާއި ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއި ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއިބެހޭ ގޮތުން ތައްޔަރު ކޮށްފައިވާ ރިޕޯޓެކެވެ. މިރިޕޯޓުގައި ބަލާލާފައިވަނީ 2014-2018 ވަނަ އަހަރަށް ކަޑައަޅާފައިވާ ދަރިމައިވުމުގެ ސިއްޙަތާބެހޭ ޤައުމީ ސްޓްރެޓަޖީގައިވާ ކަންކަން ހާސިލްކުރެވެމުންދާ މިންވަރާ، މިކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމަށްޓަކާ ކުރެވިދާނެކަންކަމުގެ މައްޗަށެވެ.
ޔޫއެންއެފްޕީއޭއިން ނެރުނު މިރިޕޯޓުގައި ރާއްޖޭގައި މިކަމަށް އާންމުން ހޭލުންތެރިކުރެވިފައިވާ މިންވަރާއި، މިކަމަށް ކުރާ ޚަރަދާއި ދެވޭ ފަރުވާއަށް ބަލާލާފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތުގައި މިޚިދުމަތް ދެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޒުވާނުންނަށް ދޭންޖެހޭ ބައެއް ޚިދުމަތްތައް ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ދަރިމައިވުމުގެ ސިއްޙަތުގެ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ މިކަމާ ބެހޭ މަޢުލޫމާތާއި ސިއްޙީ ފަރުވާ އަދި ޚިދުމަތް ފުރާވާރު އުމުރުގެ ޒުވާނުންނަށް އަގުހެޔޮ އަދި ފަސޭހަކާމާއެކު ލިބެން ހުރުންކަމަށެވެ. އަދި ސްކޫލްތަކުގައިވެސް ދަރިމައިވުމުގެ ސިއްޙަތާ ބެހޭ މަޢުލޫމަތު ދަރިވަރުންނަށް ދިނުން މުހިންމުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާ ހަރުދަނާކުރެވުމުން މުޅި ސިއްޙީ ދައިރާގެ އިތުރުން ޤައުމުގެ އިޤްތިސޯދަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ޔޫއެންއެފްޕީއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން ދަރިމައިވުމުގެ ސިއްހަތު ހަރުދަނާކުރުމަކީ ޤައުމުގައި ދުޅަހެޔޮ މުޖުތަމައުއެއް ޤާއިމްވެގެންދާނެކަމަށާ، މިކަމުގެ ސަބަބުން ޤައުމަށް އިޤްތިސޯދީ ގޮތުން ފައިދާކުރާނެކަމަށް ރިޕޯޓުގައިވެއެވެ.