މިނިސްޓްރީ އޮފް ހެލްތު ގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް 595 ( ފައްސަތޭކަ ނުވަދިހަ ފަހެއް) ރެޖިސްޓަރޑް ނަރުހުން ހޯދުމަށް އެމިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ.
ނަރުހުން ހޯދުމަށް މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ، ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުން ކަމަށެވެ.
ރަޖިސްޓަރޑް ނަރުހުންގެ މުސާރައިގެ ގޮތުގައި 5610 ރުފިޔާ، އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ވަނީ ކަނޑައަޅާފައިވާއިރު، ހަމަޖެހިފައިވާ އުޞޫލެއްގެ ދަށުން އިތުރުގަޑީގެ ފައިސާއާއި އިތުރު އިނާޔަތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.
މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލުކޮށްފައިވާ ނަރުހުންނާއި، ޑިޕްލޮމާ އިން ކޮންވަރޝަން އިން ނަރސިންގް ކޯސް ފުރިހަމަކޮށްފައިވާ ނަރުހުން ހިމެނެއެވެ.
ރެޖިސްޓަރޑް ނަރުހުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުން، ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ 13:30އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީ އޮފް ހެލްތުން ވަނީ އެމިނިސްޓްރީން ހިންގަމުންދާ ހޮސްޕިޓަލްތަކާއި ޞިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އެކިދާއިރާތަކުން ޚާއްޞަ 162 ޑޮކްޓަރުން ހޯދަންވެސް މިމަހުގެ ފަސްވަނަ ދުވަހު އިޢުލާނުކޮށްފައެވެ.
ދާއިމީ މަޤާމުގެ ގޮތުގައި ކަނޑައަޅާފައިވާ މިމަޤާމްތަކަށް ޑޮކްޓަރުން ހޯދަން އިޢުލާނުކޮށްފައިވާ ޚާއްޞަ ދާއިރާތަކުގެ ތެރޭގައި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ، ހޭނައްތާ ޑޮކްޓަރ، ކަށީގެ ބަލިތަކަށް ޚާއްޞަ ، އޮޕަރޭޝަން ޑޮކްޓަރ، ހަމުގެ ބަލިތަކަށް ޚާއްޞަ ،ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ،ނަފްސާނީ ބަލިތަކަށް ޚާއްޞަ، އަންހެނުންގެ ބަލިތަކަށް ޚާއްޞަ، ކަރުންމަތީގެ އަދި ލޮލުގެބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ.
މަޤާމުގެ މުސާރައިގެ ގޮތުގައި 30،990 ރުފިޔާއާއި ސަރވިސް އެލަވަންސްގެ ގޮތުގައި 10،200 ރުފިޔާ ކަނޑައަޅާފައިވާއިރު، މިމަޤާމްތަކަށް ހޮވާ ޑޮކްޓަރުންނަށް އިތުރު އިނާޔަތްތަކެއް ލިބިގެންދާނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިވަޒީފާތަކަށް އެދޭ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި މިމަހުގެ 15 ވަނަ ދުވަހުގެ 13:30ގެ ކުރިން ހުށަހަޅަން ޖެހެއެވެ.