ޚަބަރު

ރައީސް ޔާމީން، ޤާސިމް އިބްރާހިމްގެ ހާލުކޮޅު ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދާއި ސްރީލަންކާއަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، ޤާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ޤާސިމް އިބްރާހީމްގެ ހާލުކޮޅު ބައްލަވާލެއްވުންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޤާސިމް އިބްރާހިމްގެ ބޭސްފަރުވާގެ ކަންތައްތަކުގައި ސަރުކާރަށް އެއްބާރުލުން ދެވޭނެ ގޮތްތަކާއި، އެކަމުގައި ޤާސިމް އިބްރާހިމް ބޭނުންފުޅުވެލައްވާ ގޮތްތަކާބެހޭގޮތުން ވާހަކަ ދެކެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުންވަނީ، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ޙުކުމް ކޮށްފައި. ގާސިމަށް މިދިޔަ ބުރާސްފަތި ދުވަހު އައި.ޖީ.އެމް.އެޗުގައި ފަރުވާދޭން ފެށީ ޤާސިމްގެ ހިތުގެ ވިންދު އަވަސްވުމުގެ ސަބަބުންކަމަށާއި އެމަނިކުފާނުގެ ހާލު ރަނގަޅުކަމަށް އައިޖީޢެމްއެޗުން ބުނޭ. ކަރެކްޝަނަލް ސަރވިސްގެ ބެއްލެވުމުގެ ދަށުން،  ޤާސިމަށް ގެންދަނީ އައި.ޖީ.އެމް.އެޗްގައި އޮބްޒަވޭޝަނަށް ފަރުވާދެމުން. ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި އޮތުމަކުން ޤާސިމްގެ ބޭސްފަރުވާއަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެފައިވޭ. އަދި ޤާސިމްއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފަ.