މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އެންމެ ގިނައިން ބައްލަވައި ފިޔަވަޅު އަޅުއްވާފައިވަނީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތަކުގައިކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. އޭސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި 300 މައްސަލަ އެކޮމިޝަނުން ވަނީ ބައްލަވާ ނިންމަވާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުވެސް އެންމެ ގިނައިން ނިންމަވާފައިވަނީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތައްކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.
އޭސީސީން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރު ފުރަތަމަ ކުއާޓަރގެ ތެރޭގައި އެކޮމިޝަނުން ވަނީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ 185 މައްސަލައެއް ބައްލަވާ ނިންމަވާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 77 މައްސަލަ އިތުރު ޢަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އޭސީސީން ބައްލަވާފައިވަނީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ 108 މައްސަލައެވެ.
މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު އޭސީސީން ދެވަނައަށް އެންމެ ގިނައިން ބައްލަވާފައިވަނީ ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. ޤަވާއިދާ ޚިލާފުވުމުގެ 59 މައްސަލައެއް އޭސީސީން މިއަހުގެ ފުރަތަމަ ތިން މަސްދުވަސް ތެރޭގައި ވަނީ ނިންމަވާފައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭގައި އޭސީސީން ޖުމްލަ 300 މައްސަލަ ބައްލަވާ ނިންމަވާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތަކާއި، ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތަކުގެ އިތުރުން، ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލަތަކާއި، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ މައްސަލަތަކާއި، ދޮގު މައުލޫމާތު ދިނުމުގެ މައްސަލަތަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލުވުމުގެ މައްސަލަތަކެވެ.
ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއްގައި 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާ އެމައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވާފައިވާކަމަށް އެސީސީން ވިދާޅުވެއެވެ. ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯއްދުމަށް 4 މީހެއްގެ މައްޗަށް ދައުވާ ކުރެއްވުމަށް ފޮނުއްވާފައިވާކަމަށްވެސް އެސީސީން ވިދާޅުވެއެވެ. މިމައްސަލަތަކުން 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އޭސީސީގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ ޢަދަދަކީ 318އެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ.