ކަނޑަށް ޕްލާސްޓިކް އެޅުން ހުއްޓުވުމަށް ޚާއްޞަ ޕްރޮގުރާމްތަކެއް ސަރުކާރުން ވަރަށް އަވަހަށް ފައްޓަވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެންވިދާޅުވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ސްކޫލްތަކުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޕްރޮގްރާމް ކުރިއަށް ގެންދަން ރާއްވާފައިވާގޮތުގެ ތަފްޞީލެއް މިރަސްމިއްޔާތުގައި ހާމަ ކުރައްވާފައެއް ނުވެއެވެ.
ސްކޫލްކުދިންގެ ހިތްތަކުގައި ތިމާވެއްޓަށް ލޯބިއިތުރުކޮށް، ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ކުރިއަށްގެންދާ 3 ދުވަހުގެ މަޢުރަޒް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިްރާހިމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ ތިމާވެށީގެ މައްޗަށްކަމަށެވެ. އެގޮތުން ޓޫރިޒަމް ސިނާޢަތާއި މަސްވެރިކަމުގެ ސިނާޢަތުގެމައްޗަށް ރާއްޖެ ބަރޯސާވެފައި އޮންނައިރު ރާއްޖޭގެ މޫދާއި ކަނޑުގެ ސަރަޙައްދު ޙިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިއްމުކަން މިނިސްޓަރ ޠާރިޤް ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެއް. އެއީ އަޅުގަނޑުމެންގެ ތިމާވެއްޓާއި އިޤްތިސާދުމިވަނީ ގުޅިފަ، ގުޅި ލާމެހިފަ އަޅުގަނޑުމެންގެ ޓޫރިޒަމާއި، އަދި މަސްވެރިކަން މިދެކަންތައްވެސްވަނީ ތިމާވެއްޓާއި ލާމެހިފަ. އަޅުގަނޑުމެންގެ ތިމާވެށި ނުބެލެހެއްޓިއްޖެނަމަ މިކަންކަން ގެއްލިގެންހިގައިދާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ %99 ކަނޑުގެ ސަރަޙައްދަށްވުމުން، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ދުޅަހެޔޮވެއްޓެއް ޤާއިމްކުރުން މުހިއްމުކަމަށެވެ. މިގޮތުން ޚާއްސަ ޕްރޮގުރާމެއް ކުރިއައްގެންދިއުމުގެ މަސައްކަތް މިހާރުކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން މިދަނީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ޕްލާސްޓިކް މަދުކުރުމުގެ ވަރަށްމުޙިއްމު މަސައްކައްތަކެއް ކުރަމުން، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތާގައި ވަރަށްބޮޑެތި ޕްރޮގްރާމްތައް ރޭވި ޚާއްސަކޮށް އޯޝަންޕުލާސްޓިކް މަދުކުރުމަށް ވަރަށްބޮޑު އިސްކަމެއްދެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި ވޭތުވެދިޔަ ތިންއަހަރުދުވަހު ސަރުކާރުން ތިމާވެށި ޙިމާޔަތްކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން ދޮޅުއަހަރުދުވަހުގެތެރޭގައި ވެމްކޯއިން ހޯދާފައިވާ ކާމިޔާބީވަނީ ފާހަގަކުރަށްވާފައެވެ.