ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާއިދަށް ބައެއް އިޞްލާޙު ގެންނަވައި އިތުރު އަދަބުތަކެއް ހިމަނުއްވައިފިއެވެ. އަދި މިބަދަލާއެކު މި ޤަވާޢިދު އަލުން ވަނީ ގެޒެޓްކުރައްވާފައިއެވެ. މި ޤަވާޢިދަށް ގެންނެވި އިޞްލާޙުގެ ތެރޭގައި، ހުތުރު އިބާރާތުން ނުވަތަ އިޙްތިރާމް ކުޑަކުރުމުގެ ޢަމަލަކަށް ބާރުލިބޭ ފަދަ ގޮތަކަށް މީޑިއާގެ އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމާއި މީޑިއާގެ އެއްވެސް ވަޞީލަތެއްގައި ލިޔެވޭ ނުވަތަ ޝާއިޢުކުރާ އެފަދަ އެއްވެސް އެއްޗަކަށް ތާއީދުކުރާކަން ދޭހަވާ ގޮތަށް އެއްވެސް ޢަމަލެއް ކުރުން ނުވަތަ ހިންގުމަކީ ކުށެއްކަން ބަޔާންކުރައްވާފައިވެއެވެ
ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާއިދުގައިވާ ބަޔާންކުރައްވާފައި ވަނީ ފުލުހުންގެ މުޢައްސަސާގައި ހިނގާ އެއްވެސް ކަމަކާ ބެހޭ މަޢުލޫމާތެއް، މީޑިއާގެ އެއްވެސް ވަޞީލަތެއްގައި ބޭނުންކޮށްގެން ހާމަކުރުމަކީ ކުށެއް ކަމެއް ގޮތުގައެވެ. މުވައްޒަފުންގެ އެކަކު އަނެކަކަށް ރައްދުވާގޮތަށް ހުތުރު ޢިބާރާތުން ނުވަތަ އިޙްތިރާމް ކުޑަކުރުމަށް ފުރުޞަތު ތަނަވަސްވާފަދަ ގޮތަކަށް މީޑިޔާގެ އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމާއި، މީޑިއާގެ އެއްވެސް ވަޞީލަތެއްގައި ލިޔެވޭ ނުވަތަ ޝާއިޢުކުރެވޭ އެފަދަ އެއްވެސް އެއްޗަކަށް ތާއީދުކުރާކަން ދޭހަވާގޮތަށް އެއްވެސް ޢަމަލެއް ކުރުން ނުވަތަ ހިންގުމަކީވެސް ކުށެއް ކަމަށް މި ޤަވާޢިދުގައި ބަޔާން ކުރައްވާފައިވެއެވެ.
ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގައިވާ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފަކު، ތަނުގައި ޢަމަލުކުރެވޭ އުޞޫލާ ޚިލާފަށް ކުރަމުންދާ ކަމެއް ރަނގަޅުކުރުމަށް ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކުމާއި، ވަކިކަމަކަށް ޑިމާންޑްކުރުމާއި މުވައްޒަފުންގެ މެދުގައި ހުންނަންޖެހޭ އަޚުލާޤީ މިންގަނޑުން ބޭރުވެފައިވާކަމަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ނުވަތަ ހަޅުތާލަކަށް ނުވަތަ ހަމަނުޖެހުމެއް އުފެއްދުމަށްކަމަށް މާނަކުރެވޭ ފަދަ ގޮތަކަށް އެކަކަށްވުރެ ގިނަ މީހުން އެއްފަހަރާ އެ މުވައްޒަފަކާ ބައްދަލުކުރަން ދިއުމާއި، އެފަދަ ގޮތަކަށް ގުރޫޕެއް އުފައްދައިގެން ޕެޓިޝަން ހެދުމާއި، ފޮނުވުމާއި، ނެރުމާއި އެފަދަ ގޮތަކަށް ޢަމަލުކުރުމަކީވެސް ކުށެކަމަށް މި އިޞްލާޙުގައިވެއެވެ،
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް މި ޤަވާޢިދުގެ ދަށުން ދެވޭ އަދަބުތަކުގެ ތެރޭގައި ވަޒީފާއިން ވަކިކުރެއްވުމާއި ރޭންކު ދަށްކުރެއްވުމާއި ވަޒީފާ އަދާކުރާ ތަން ބަދަލުކުރެއްވުމާއި ކައިރިން ސްޕަވައިޒްކުރެވޭ ގޮތަށް ވަޒީފާ އަދާކުރުވުން ހިމެނެއެވެ. އަދި ޤާބިލުކަން އިތުރުވާފަދަ ޚާއްޞަ ކައުންސެލިން ދެއްވުމާއި ޚާއްޞަ ތަމްރީނު ފުރިހަމަކުރުވުމާއި ކުރި ކުށެއްގެ ބާވަތުން އެ މުވައްޒަފަކަށް ކައުންސިލިން ދެއްވުމަކީވެސް މި ޤަވާއިދުގެ ދަށުން ފުލުހަކަށް ދެއްވިދާނެ އަދަބެއް ކަމުގައިވެއެވެ.