ޚަބަރު

ރޮހިންޔާ މުސްލިމުންނާ ދެކޮޅުޢަމަލުތައް ހުއްޓާލަން ގޮވާލައްވައިފި


ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހުއްޓާލުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ގޮވާލައްވައިފިއެވެ. 

ފޮރިން މިނިސްޓަރ އާސިމް މިގޮތަށް ގޮވާލައްވާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މިއަދު ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީ. ގެ ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާ މިނިސްޓަރ އާސިމް ވިދާޅުވީ ރޮހިންޔާ މުސްލިމުން އެއަނިޔާތައް ތަޙައްމަލު ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެފަދަ ޖަރީމާތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. 

ރޮހިންޔާ މުސްލިމުންނަށް ކުރިމަތިލާން ޖެހިފައިވާ އަނިޔާތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަމަށާ އެމީހުންގެ ހައްޤުތަކަށް އަރައިގަނެ ހިންގަމުންދާ ޖަރީމާތަކަކީ ދުވަހަކުވެސް މަޢާފު ނުދެވޭނެފަދަ ޢަމަލުތަކެއް ކަމަށް ފޮރިން މިނިސްޓަރ އާސިމް ވިދާޅުވިއެވެ. 

"ދިރިހުރުމާއި އިންސާނީ ކަރާމާތް ޙިމާޔަތް ކުރުމާއި އަނިޔާއިން އެއްކިބާވެ ހުރުމުގެ ހައްޤަކީ ވަކި މީހަކަށް، ނަސްލަކަށް ނުވަތަ ދީނީ އަޤީދާއަކަށް ބެލުމެއް ނެތި، ހުރިހާ އިންސާނުންނަށް ވެސް ހަމަހަމަކަމާއެކު ލިބެން ޖެހޭ ޙައްޤުތަކެއް،" ފޮރިން މިނިސްޓަރ އާސިމް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ މިޔަންމާގައި ދިރިއުޅެމުންދާ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށް އެމީހުންނަށް އެހީތެރިވެ ދިނުމަށް ރާއްޖެއިން ގޮވާލާކަމަށެވެ.

އަދި މިއަނިޔާތަކުން ސަލާމަތްވުމަށް އެމީހުންގެ ވަޒަންދޫކޮށް އަވަށްޓެރި އެހެން ޤައުމުތަކަތަކަށް ދަތުރުކުރަމުންދާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވެ ދިނުމަށް ވެސް މިނިސްޓަރ އާސިމް ގޮވާލައްވާފައިވެއެވެ. 

ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަނުގައި ރޮހިންޔާ މުސްލިމުންގެ އަށްޑިހަ ހަ މީހުން މަރާލާފައެވެ. 

އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ރޮހިންޔާ މުސްލިމުންގެ ފަސްދޮޅަސް ހަހާސް މީހުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ޙިޖުރަކޮށްފައެވެ.