ގދ. ތިނަދޫގައި ދެވަނަފަހަރަށް މީހުން އާބާދުވެފައިވަނީ 1966 ވަނައަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ އައްޑޫ ބަޣާވާތާ ގުޅިގެން 1962 ވަނައަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތިނަދޫއިން މީހުން ބާލައި އެއަހަރުގެ ފެބްރުއަރީ 4 ވަނަދުވަހުން ފެށިގެން އެރަށަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށްފަހު، އެރަށް އަލުން އާބާދުވެ މީހުން ދިރިއުޅެން ފެށި ތާރީޚެވެ.
އެރަށުގައި މީހުން އަލުން ދިރިއުޅެން ފެށިތާ 50 އަހަރު ފުރިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދަވަހުއެވެ. އެދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަސްކުރައްވާފައިވަނީ ރަށު ކައުންސިލްގެ މަޝްވަރާއާއެކު ހޯމް މިނިސްޓްރީންނެވެ.
މިހަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން އެރަށުގައި ސަރުކާރުން ކުރިއަށްގެންދަވާ ޢުމްރާނީ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ނަމޫނާ ރަށްތަކެއް ތަރައްޤީކުރެއްވުމުގެ ގޮތުން ރާއްޖޭގައި މިހާރު އެންމެ ގިނަ މަޝްރޫއުތައް އެއްފަހަރާ ކުރިއަށްގެންދަވާ އެއްރަށަކީ ވެސް ގދ. ތިނަދޫއެވެ. އޭގެތެރޭގައި ތިނަދޫ ބިންހިއްކެވުމުގެ މަޝްރޫޢުގެ ދަށުން އެރަށުން 55 ހެކްޓަރުގެ ބިންހިއްކަވައި މިއަހަރުގެ ތެރޭގައި ވަނީ ނިންމަވާފައެވެ.
img:http://s1.psmnews.mv/images/660x400/14712566754980.jpg|ގދ.ތިނަދޫ- ފޮޓޯ: ގޫގްލް އަރތް
ތިނަދޫގެ އާބާދީއަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮއްދެއްވުމައްޓަކައި ސަރުކާރުން އެރަށުގައި އަޅުއްވާ 120 ހައުސިންގ ޔުނިޓްގެ މަޝްރޫޢަކީވެސް އެރަށުގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ. އަދި އަތޮޅުތެރޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެބޮޑު އިސްލާމީ މަރުކަޒު ޢިމާރާތް ކުރެއްވުމުގެ މަސައްކަތްވެސް ގދ. ތިނަދޫގައި ކުރިއަށްގެންދަވައެވެ. މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތިނަދޫގައި ސްވިމިންގ ޓްރެކެއް ތަރައްޤީކުރައްވާފައިވާއިރު، ސްޕޯރޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސްއާއި، ވޯޓަރ ތީމް ޕާކަކާއި، މިއުޒިއަމް ޕާކެއް ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް ގދ. ތިނަދޫގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ.
img:http://s4.psmnews.mv/images/660x400/14628036241641.jpg|ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ހައުސިންގ މިނިސްޓްރީ
މީގެތެރެއިން ބައެއް މަޝްރޫޢުތަކުގެ ނިމުން، ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
ތިނަދޫގައި މީހުން ދިރިއުޅެން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ފެއްޓެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަދުވަހުގެ ހަވީރު ތިނަދޫ ދަނޑުގައި އޮން ސްކޫލްކުދިންގެ ހަރަކާތްތަކަކުންނެވެ. މިހަރަކާތްތަކުގައި 500 އަށްވުރެ ގިނަ ކުދިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، މިހަރަކާތުގެ ތެރެއިން އެކުދިންގެ އެކި އައިޓަމްތައް ފެނިގެންދާނެކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
img:http://s4.psmnews.mv/images/660x400/14614884610712.jpg|ތިނަދޫ އިސްލާމި މަރުކަޒުގެ ކުރެހުމެއް-
މި ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާ ބޭއްވެވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 19 ވަނަ ދުވަހުގެރޭގައެވެ. އަދި ޑިސެމްބަރު 20 އަދި 21 ވަނަ ދުވަހުގެރޭ ޚާއްޞަ މިއުޒިކް ޝޯތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ. މިޝޯގައި ރާއްޖޭގައި މަޝްޙޫރު ފަންނާނުންގެ ހުށައެޅުންތައް ފެނިގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މިހަރަކާތްތަކުގެ އިތުރުން އެރަށް ކުލަ ބޮކިތަކުން ދިއްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދާއިރު ތިނަދޫ ފެނިގެންދާނީ މިނިވަން 50 ފާހަގަކުރިއިރު މާލެ ފެނިގެންދިޔަގޮތަށްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ތިނަދޫގައި ކުލަބޮކިތައް ހަރުކޮށް، ދިއްލުމުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އަދި މިކަމަށްޓަކައި ރާއްޖެއިން ބޭރުންވެސް ބައެއްތަކެތި އެތެރެކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ތިނަދޫގައި މީހުން އާބާތުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.