މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 4.43 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެއްކަމަށެވެ.
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާކަމަށެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.2 އިންސައްތައިން އިތުރުވެ، 4.43 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއިން ލިބިފައިވަނީ 4.09 ބިލިޔަން ރުފިޔާއެވެ. އެވުޒާރާއިން ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީވެސް ޖީ.ޖީ.އެސް.ޓީން ކަމަށްވުމީ، ރާއްޖޭގެ އެތެރޭގެ އާމްދަނީ އިތުރުކުރުމުގައި މި ޓެކްސްގެ ދައުރު ބޮޑުކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.
ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 10.4 އިންސައްތަ އިތުރުވެ، 1.09 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 2.79 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 3.01 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައިކަމަށް ވިދާޅުވިއެވެ.
ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ 87.8 އިންސައްތަ އިތުރުވެ 1.39 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.55 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި މުދަލުން ލިބުނު އާމްދަނީ 12.1 އިންސައްތަ އިތުރުވެ 1.97 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 68.1 އިންސައްތަ އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތަކަށް ބަލާއިރު، އިދާރީ ހިދުމަތްތަކަށް ކުރި ޚަރަދު 6.0 އިންސައްތަ އިތުރުވެ 2.04 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ރިކަރަންޓް ޚަރަދުގެ ޖުމްލަ 31.35 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތައިގެ އިތުރުވުމެކެވެ. ބިމާއި އިމާރާތްތަކަށް ކުރި ކެޕިޓަލް ޚަރަދު 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 38.9 އިންސައްތަ އިތުރުވެ 1.57 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ޖުމްލަ ކެޕިޓަލް ޚަރަދު 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް ވަނީ އަރާފައިކަމަށް މާލީ ކަންކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ހިނގަމުންދާ އެހެނިހެން ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ޚަރަދު 39.1 އިންސައްތަ އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.1 އިންސައްތަ އިތުރުވެ 5.56 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ނަމަވެސް، އިންޓަރެސްޓަށް ކުރި ޚަރަދު ވަނީ 6.6 އިންސައްތަ ދަށަށް ގޮސްފައެވެ.
އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ޚަރަދު 27.6 އިންސައްތަ އިތުރުވެ 0.96 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ބަނދަރުތައް ތަރައްގީކުރުމަށް ކުރި ޚަރަދު ވަނީ 25.5 އިންސައްތަ އިތުރުވެފައެވެ. އަދި ކެޕިޓަލް އިކުއިޕްމަންޓް ހޯދުމަށް ކުރި ޚަރަދު ވަނީ 22.0 އިންސައްތަ އިތުރުވެފައެވެ. މާލީ ވުޒާރާއިން ވިދާޅުވީ މިމަހުގެ 15ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 36.39 ބިލިއަން ރުފިޔާގައިކަމަށެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތަ އިތުރުވުމެކެވެ. މިއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ވަނީ 4.50 ބިލިޔަން ރުފިޔާއަށް އަރާފައިކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.