ޚަބަރު

3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނުކޮށްފި


  • އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މުހައްމަދު އަރީޝް

  • ސްޓޭޓް ފާމާގެ ޑިރެކްޓަރުންގެ ބޯޑަށް އިސްމާއިލް ފަރުހާދު

  • އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު އިމްދާހް މުހައްމަދު

3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް 3 ބޭފުޅަކު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކުރައްވައިފިއެވެ.

ޕީސީބީން ހާމަކުރައްވާފައިވާ ގޮތުގައި މެމްބަރުން އައްޔަނުކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މ. އަހުލިހަ، މުހައްމަދު އަރީޝް، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކުކަމަށް ގދ. ތިނަދޫ، ޕެންޒީމާގެ އިސްމާއިލް ފަރުހާދު އަހުމަދުއެވެ. މީގެ އިތުރުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ގ. މާޅިކަ، އަހުމަދު އިމްދާހް މުހައްމަދުއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ޕީސީބީއަށެވެ.

މި ބަދަލާއެކު މި 3 ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރެދެވޭނެ ފަދަ ގޮތަކަށް ބޯޑުތައް އެކުލަވާލަމުންނެވެ.