ޚަބަރު

ހުރްމުޒް ހުޅުވާލުމުގެ ހުށަހެޅުމަށް އަދިވެސް ފުރުސަތު އެބައޮތް: އީރާނު


ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެގޮތުގައި ދެމިއޮތް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވެއްޖެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގެ ހަވާސާގައި، އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަވައި އީރާނުގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އަރާޤްޗީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ވެވުނު ވަގުތީ އެއްބަސްވުން ރޫޅުމާ ގުޅިގެން ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އީރާނުން ހުށަހެޅި ހުށަހެޅުމާ މެދު، އެމެރިކާއިން އިޙްލާސްތެރިކަން އިސްކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑް ވަރަށް ސާފު. އެއީ އެމެރިކާއަށް ހުށަހެޅި ހަތް ދުވަހުގެ ޕްރޮޕޯސަލް. އެ ފަރާތުގެ ބައެއް ޚިޔާލުތައް ހިއްސާކޮށްފައިވުމާއެކު، އަޅުގަނޑުމެން މިދަނީ އެކަންކަން ދިރާސާކުރަމުން. ނަމަވެސް، އަޅުގަނޑުމެންގެ އަސްލު ހުށަހެޅުން އަދިވެސް އެބައޮތް. އެމެރިކާގެ ކިބައިގައި މިކަމަށް އިހުލާސްތެރި ނިޔަތެއް އޮތްނަމަ، ކަނޑުއޮޅި ހުޅުވާލުމުގެ މަގު އޮތީ ވަރަށް ސާފުކޮށް ފެންނަން،" އޭނާ ވިދާޅުވިއެވެ.

މަޝްވަރާތައް ކުރިއަށްނުގޮސް މަޑުޖެހިފައިވާ މައިގަނޑު ސަބަބަކީ، އީރާނުން ކުރިމަތިކުރި ހަތް ޝަރުތަށް އެމެރިކާއިން އެދެވޭ އިޖާބައެއް ދީފައި ނުވުން ކަމަށް އީރާނުގެ ސަލާމަތީ އިސް މަސްދަރުތަކުން ބުނެއެވެ. އީރާނުން ހުށަހަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށް އެމެރިކާއިން އަޅާފައިވާ އެންމެހައި ހުރަސްތައް ވަގުތުން ނައްތާލުމާއި، ތެޔޮ އެކްސްޕޯޓްކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ސަރަހައްދީ ފެންވަރުގައި ކުރިއަށްދާ އެންމެހައި އަސްކަރީ ކުރިމަތިލުންތަކާއި ހަނގުރާމަވެރި ހަރަކާތްތައް ހުއްޓާލުން ހިމެނެއެވެ.

އަރާޤްޗީ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން މި ޝަރުތުތަކަށް އެއްބަސްވެއްޖެނަމަ ހަ ދުވަހުގެ ތެރޭގައި ކަނޑުއޮޅި އަލުން ހުޅުވި، އޭގެ އަނެއް ދުވަހު ރަސްމީ ސިފައެއްގައި މަޝްވަރާތައް ފެށިގެންދާނެއެވެ.

މި މައްސަލައިގައި ދެ ޤައުމުގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވަނީ، ފުރަތަމަ މަރުހަލާގައިވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ މައްސަލަ މަޝްވަރާތަކުގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ބާރުއަޅަމުންދާތީއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ދާދިފަހުން ވިދާޅުވެފައިވަނީ، ވޭތުވެދިޔަ 8 މަސް ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ޔޫރޭނިއަމް މުއްސަނދިކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރަން އީރާނަށް މަޖުބޫރުވާނެ ކަމަށެވެ.

ނަމަވެސް އީރާނުން ޤަބޫލުކުރާ ގޮތުގައި، މި ދަނޑިވަޅުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ހަނގުރާމައިގެ ކުރިން މުޅި ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައި، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.