ޔޫރަޕުގެ ފުޓުބޯޅަ ޖަމިއްޔާ ޔޫއޭފާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން މިހާރުގެ ރައީސް އެލެގެޒެންޑާ ސެފެރިން އިއުލާނު ކުރައްވައިފިއެވެ.
އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމަށްފަހު ސްލޮވީނިއާގެ ގާނޫނީ ވަކީލު މިކަން އިޢުލާނު ކުރީ އަންނަ މާޗު މަހު ބާއްވާ ފީފާގެ އިންތިޚާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަ ނުކުރައްވާނެކަން އިއުލާނު ކުރައްވަމުންނެވެ. ނަމަވެސް ސެފެރިން ވިދާޅުވީ ޔޫރަޕުން މަސައްކަތް ކުރާނީ އިންފަންޓީނޯ ނޫން ބޭފުޅަކު ފީފާގެ ރައީސް ކަމަށް ގެނައުމަށް ކަމަށެވެ.
ސެފެރިން ޔޫއޭފާގެ ރައީސް ކަމަށް އިންތިހާބުވީ 2016 ވަނަ އަހަރުއެވެ. މިހެންވެ އަންނަ އޭޕްރީލް މަހު އަލުން އޭނާ މި މަގާމަށް އިންތިހާބު ވެއްޖެނަމަ ފުރުއްވަން ޖެހޭނީ އެންމެ ފަހު ދައުރެވެ. ޔޫއޭފާގެ ގަވާއިދު ބުނާ ގޮތުން އެކަކަށް ގިނަވެގެން ފުރުއްވޭނީ ހަތަރު ދައުރެވެ.
"މެމްބަރު ގައުމުތަކުން އެކަމަށް އެދުމުން އަހަރެން މިހާރު ނިންމާފައިވާނީ މި މަގާމަށް އަލުން ކުރިމަތިލާން. އަހަރެންނަށް ގައުމުތަކުން އިތުބާރު ކުރުމުން އެކަމަށް ޝުކުރު އަދާކުރަން. އަހަރުމެން ފީފާގެ ޒައާމަތަށް ބަދަލު ގެންނަން ކުރާ މަސައްކަތުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް އެބަހުރި. އަހަރުމެން މަސައްކަތް ކުރާނީ ފީފާގެ ރައީސްކަން ބަދަލު ކުރަން،" ޔޫއޭފާގެ ރައީސް ކަމަށް ދެން ވާދަ ނުކުރައްވާނެ ކަމަށް މިދިޔަ އަހަރު އިއުލާނު ކުރެއްވި ސެފެރިން ވިދާޅުވި އެވެ.
އޭނާގެ ނިންމުން ބަދަލު ކުރެއްވި ވަކި ސަބަބެއް ސެފެރިން ވިދާޅުނުވެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ މަގާމު ދިފާއު ކުރައްވަން ނިންމެވީ ފީފާގެ ރައީސްކަން ބަދަލު ކުރަން ޔޫރަޕުން ކުރަމުންދާ ކެމްޕޭނުގައި ދެމިހުންނަވަން ގައުމުތަކުން އެދިވަޑައިގަތުމުންނެވެ.
ސެފެރިން ވިދާޅުވީ ޔޫރަޕުން ބޭނުންވަނީ ފީފާގެ ރައީސް ކަމަށް ޔޫރަޕަށް ނިސްބަތް ނުވާ ބޭފުޅެކެވެ. އަދި ޔޫއޭފާއިން ވަނީ ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކެއް ވެސް އިއުލާނު ކޮށްފައެވެ. އެއީ ހަމައެކަނި ފުޓުބޯޅައިގެ ލީޑަރޝިޕަށް ހާއްސަވުމާއި މެނޭޖްމަންޓުގެ ކަންކަމާ ބެހިވަޑައިނުގަތުމާއި، އިހްތިރާމު ލިބިފައިވާ މީހަކަށްވުން ހިމެނެއެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ޔޫއޭފާއިން ބޭނުންވަނީ ގަތަރަށް ނިސްބަތްވާ ފްރާންސްގެ ޕީއެސްޖީގެ ވެރިޔާ ނަސީރު އަލް ހަލައިފީ ފީފާގެ ރައީސް ކަމަށް ވަޑައިގަތުމަށެވެ. އެއީ އޭޝިޔާގެ ވޯޓާއި ޔޫއެފާ އާއި ކޮންކާކަޕުގެ ވޯޓު އެކުވުމުން އިންތިހާބު ކާމިޔާބު ކުރެވޭނެތީއެވެ.