ރައްޔިތުންގެ މަޖިލީހުގެ މިފެށޭ ދައުރުގައި ވަޠަނީ ޚިދުމަތުގެ ބިލު ފާސްވާނެކަމަށް އުއްމީދުކުރައްވާކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އަހާ ފޯރަމްގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ ދެމެހެއްޓެނެވި ގޮތެއްގައި އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ދިވެހި ވަޠަނީ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށާއި، އެ ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައިކަމަށެވެ. އެ ޤާނޫނުގެ ތެރެއިން ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތު ލިބޭނެގޮތް ތަފްސީލްކުރެވޭނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
"އެ ބިލުގެ މަސައްކަތް އަންނަ މަޖިލީހުގެ ދައުރުގައި ފެށޭނެ އިރާދަކުރެއްވިއްޔާ" ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
އަހާ ފޯރަމްގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، ވަޠަނީ ޚިދުމަތް ފުރިހަމަކުރި 300އަށް ވުރެ ގިނަ ދަރިވަރުންނަށް ޤައުމީ ދިފާއީ ބާރުން ވަޒީފާ ހަމަޖައްސަވާފައިވާކަމާށާއި، ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް ސަރުކާރުގެ އެހެނިހެން އިދާރާތަކުންވެސް ވަޒީފާ ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެ ޕްރޮގްރާމް ނިންމާއިރު އެ ކުއްޖަކު ބޭނުންވާ ތަނަކުން ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކުރާކަމަށެވެ. އެހެންނަމަވެސް، އެ ކުދިން ބޭނުންވާ ދާއިރާއަކުން ވަޒީފާ ނުލިބުމަކީ މެދުވެރިވާކަމެއްކަމަށާއި، އެ ހާލަތުގައި ވެސް އެ ކުއްޖަކަށް ވަޒީފާއަކަށް ދިއުމުގެ އިޚްތިޔާރުދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެ ޚިދުމަތް ހޯދާ ހުރިހާ ދަރިވަރުން ވަޒީފާ ބޭނުމެއް ނުވޭ. އެހެންނަމަވެސް ބޭނުންވާ ދަރިވަރުންނަށް އަޅުގަނޑުމެން އެ ފުރުސަތު ހޯދާދެން." ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް ސަރުކާރުން އިސްކަންދެއްވާކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޤައުމުގެ ސަލާމަތަށް މަސައްކަތް ކުރާނެ ޒުވާނުން އުފައްދާ، ޒުވާނުން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޠަނީ ޚިދުމަތާއި ގުޅޭގޮތުން ވަޒީރު މީގެކުރިން ވިދާޅުވެފައިވަނީ، ޒުވާނުން ޒިންމާދާރުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށެވެ. ވަޠަނީ ޚިދުމަތުގެ ތެރެއިން، 1 އަހަރު ދުވަސްތެރޭ 1028 ބައިވެރިން ތަމްރީނުކޮށްފައިވެއެވެ.