ޚަބަރު

"އީގަލް ހިލްސްގެ މަޝްރޫޢަކީ ރަސްމާލޭގެ ބޯހިޔާވަހިކަމަށް ހުރަސްއެޅޭނެ މަޝްރޫޢެއްނޫން"


  • ސަރުކާރުން ޕްލޭންކުރި ގޮތަށް ރަސްމާލެ ތަރައްޤީކުރާނެކަމަށް ވިދާޅުވި

  • ރަސްމާލޭގެ މަސައްކަތްތައް ފުރިހަމަވާން 10 އަހަރު ނަގާނެ

  • 1100 ހެކްޓަރުގެ ބިމެއް ދަނީ ހިއްކަމުން

ރަސްމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ އިޤްތިޞާދީ މަޝްރޫޢުގެ ސަބަބުން، އެތަނުން އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަށް އެއްވެސް ބަދަލެއް ނާންނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އީގަލް ހިލްސްގެ މަޝްރޫޢަކީ އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ދާއިރާގެ ލަނޑުދަނޑިތަކާވެސް ގުޅިފައިވާ މުހިންމު މަޝްރޫޢުއެކެވެ. ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މިއީ ހުރިހާ ގޮތަކުންވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވާނެ މަޝްރޫޢެއް ކަމަށެވެ.

ރަސްމާލެ މަޝްރޫޢު ލަސްކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެހެން ބޮޑެތި މަޝްރޫޢުތަކޭ އެއްގޮތަށް، މި މަޝްރޫޢުގައިވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް އެކަންކަމަށް ޙައްލު ހޯދާ، މިހާރު ރަސްމާލޭގެ މަސައްކަތްތައް ވަރަށް ރޭވުންތެރިކަމާއެކު ބާރަށް ކުރިއަށްދާކަމަށް ވިދާޅުވިއެވެވެ.

ރައީސް ވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް، އެ ވިސްނުމަށް ބަދަލެއް ނައިސް ރަސްމާލޭގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

" 70%އާ ހަމައަށް ހިއްކުމުގެ މަސައްކަތް އެވަނީ ނިމިފައި. 2-3 މަސްތެރޭ ހިއްކާ ނިމޭނެ. 1100 ހެކްޓަރުގެ ބިމެއް އެއީ. ޙަޤީޤަތުގައި ބިމެއް ކްރިއޭޓްވުމަކީ އެންމެ ބޮޑު އެސެޓް. އޭގެ އިކޮނޮމިކް އަގު ވަރަށް ބޮޑުވާނެ. މިއީ ޤައުމުގެ ވަރަށް ބޮޑު ރައުސްމާލެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ތަނެއް އުފެދިގެންދާނެކަމަށެވެ.

ރަސްމާލޭގައި އިޤްތިޞާދީ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ނިންމިނަމަވެސް، އެތަނުގައި ރައްޔިތުންނަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް، ނުވަތަ ފްލެޓް އެޅުމުގެ މަޝްރޫޢެއް ކެންސަލް ނުކުރާނެކަމުގެ ޔަޤީންކަން ރައިސް ދެއްވިއެވެ. އަދި އެއްވެސް ރައްޔިތެއްގެ ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެނަށް ގޯތި ހަމަޖައްސާވަރަށް ބިން އެބައޮތް. އެއްވެސް ގޯއްޗެއް ކެންސަލެއް ނުވާނެ. އަދި ފޯމުތައް ރިވިއުކުރަމުން މިހާރު އެ ގެންދަނީ، ޤަބޫލުކުރެވޭ ވަރަށް ގިނަ ރައްޔިތުންނަށް ނުވަތަ ބައެއް ކެޓަގަރީތަކުން އެއްކޮށްގޮތަށް ގޯތި ދެވޭނެ ވަރަށް ބިން އެބައޮތް. ފްލެޓް އެޅޭނެ ޖާގަވެސް އެބައޮތް." ރައީސް ވިދާޅުވިއެވެ.

ބޭރުގެ ކުންފުންޏަކަށް ރަސްމާލޭގައި އިންވެސްޓްމަންޓެއް ކުރުމުގެ ފުރުޞަތު ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ރަސްމާލެ މުޅި ތަރައްޤީއަށް ވިސްނާ އެކަމަށް މަގުފަހިވާނެ ގޮތްތައް ހޯދުންކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ވަޒީފާއާއި ދިރިއުޅުގެ ކުރިއެރުމާވެސް ގުޅިފައިވާ މަސައްކަތެއްކަމަށާއި، ވަޒީފާގެ ކުރިއެރުމާއި އިތުރު ވިޔަފާރިތައް އުފެދުމަކީ ކޮންމެ ރައްޔިތަކަށް ލިބޭނެ ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ ތަރައްޤީކުރުމުގެ މުޅި މަޝްރޫޢަކީ 10 އަހަރުގެ ޕްލޭނެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ބިން ހިއްކާ ނިމެންވާއިރަށް ޔުޓިލިޓީގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށް އޭގެ މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެއަކީ އެންމެ ޒަމާނީ ފެންވަރަށް، މުޖުތަމަޢުގެ އެންމެހާ މީހުންނަށް ބޭނުންވާ ވަސީލަތްތަކާއެކު ތަރައްޤީކުރާ ރަށެކެވެ. ތިމާވެއްޓާ ރައްޓެހި، ކާބަލް ނިއުޓްރަލް ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ އެ ރަށުގައި، އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އެކްސެސްވެވޭގޮތަށް ޚިދުމަތްތައް ތަރައްޤީކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ތިމާވެއްޓާ ރަށްޓެހި ކަންކަމާއި އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ގޮތުންވެސް ކުރިއަރާފައިވާ ރަށަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރަސްމާލެއިން 65،000 ގެދޮރުވެ ޔަޤީންކަން ރައްޔިތުންނަށް ކަށަވަރުވާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.