ޚަބަރު

ލެވަރ ކަޕްގައި ޓީމް ޔޫރަޕުން ތިނެއް އެކެއްގެ ލީޑެއް ނަގައިފި


  • ޓީމް ޔޫރަޕުން ފުރަތަމަ ދުވަހު ޓީމް ވޯލްޑް އާއި ވާދަކޮށް ތިން މެޗު ކާމިޔާބު ކުރި

ލަންޑަންގެ އޯޓޫ އެރީނާގައި ހުކުރުދުވަހު ފެށި ލެވަރ ކަޕް ޓެނިސް މުބާރާތުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ޓީމް ޔޫރަޕް އިން އެންމެ ފަހުގެ ޗެމްޕިއަން ޓީމް ވޯލްޑްގެ މައްޗަށް 3-1ގެ ލީޑެއް ނަގައިފިއެވެ.

މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ޓީމް ޔޫރަޕް ތަމްސީލް ކުރި ނޯވޭގެ ކެސްޕަރ ރޫޑް ވަނީ ޓީމް ވޯލްޑްގެ އާޖެންޓީނާގެ ކުޅުންތެރިޔާ ފްރެންސިސްކޯ ސެރުންޑޯލޯ އާއި ބައްދަލުކުރި މެޗު އެއް ސެޓު އެއް ސެޓުން ދެކުޅުންތެރިން އެއްވަރުވުމުން ބެސްޓް އޮފް ޓެން ޓައި ބްރޭކަށް ގޮސް މެޗު ކާމިޔާބު ކޮށްފައެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ދެވަނަ މެޗުގައި އެމެރިކާގެ ބްރެންޑަން ނަކަޝީމާ ވަނީ ޗެކިއާގެ ޔާކޫބް މެންސިކް އާއި ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކޮށް އެއް ޕޮއިންޓް އެއް ޕޮއިންޓުން ދެޓީމު އެއްވަރު ކޮށްދީފައެވެ.

ފުރަތަމަ ދުވަހުގެ ތިން ވަނަ މެޗުގައި ޓީމް ޔޫރަޕްގެ ސްޕެއިން ކުޅުންތެރިޔާ ރަފައެލް ހޯޑާ އާއި ޓީމް ވޯލްޑްގެ އެލެގްޒެންޑަރ ބުބްލިކް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ހޯޑާއެވެ.

ޑަބަލްސް މެޗުގައި ޓީމް ޔޫރަޕް ތަމްސީލް ކުރި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި މެންސިކްވަނީ ޓީމް ވޯލްޑްގެ ބުބްލިކާއި ޓޭލަރ ފްރިޓްޒްގެ މައްޗަށް ސީދާ ދެސެޓުން ކާމިޔާބު ހޯދައިފައެވެ. މިއީ ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ އަލްކަރާޒް އަނިޔާއިން އެނބުރި އައިސް ކުޅޭ ދެވަނަ މުބާރާތެވެ.

ތިން ދުވަހަށް ދެމިގެންދާ ލެވަރ ކަޕް ރޭވިފައިވަނީ އެންމެ އަވަހަށް 13 ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތްގެ ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. އަދި ފުރަތަމަ ދުވަހުގެ ކޮންމެ މެޗެއް ކާމިޔާބު ކުރުމުން އެއް ޕޮއިންޓް ލިބޭއިރު ދެވަނަ ދުވަހުގެ މެޗެއް ކާމިޔާބު ކުރުމުން 2 ޕޮއިންޓް ލިބިގެންދާނެއެވެ. އަދި ތިންވަނަ ދުވަހުގެ މެޗެއް ކާމިޔާބު ކޮށްފި ނަމަ ތިން ޕޮއިންޓް ލިބޭނެއެވެ.